"2 އޮފް އަސް" ޝޯގެ ޓިކެޓް އޮންލައިންކޮން ވިއްކަން ފަށައިފި
"2 އޮފް އަސް" ޝޯގެ ޓިކެޓް އޮންލައިންކޮން ވިއްކަން ފަށައިފި

"ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގެ ދެވަނަ ސީޒަންގައި ދިވެހި ބޭންޑް "ޓޫ އޮފް އަސް"އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޮލިމްފަހުގައި ބޭއްވުމަށް ނިންމާފައިވާ ހާއްސަ ޝޯގެ ޓިކެޓް އޮންލައިންކޮން ވިއްކަން މިއަދު ފަށައިފިއެވެ.
އެ ބޭންޑުން ބާއްވާ ޝޯގެ ޓިކެޓު ވިއްކަން ފަށާފައިވަނީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ވެބްސައިޓު މެދުވެރިކޮށެވެ. އެގޮތުން، އެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ފަހުގައި ޓިކެޓު މިހާރު ގަނެވޭނެއެވެ.
މިބޭންޑުން ބުނެފައިވަނީ މާލޭގައި ފުރަތަމަ ފަހަރަށް އެ ބޭންޑުން ކުޅޭ އެ ޝޯއަކީ މުބާރާތުގައި ކުރި ދަތުރުގައި ހިތްވަރުދީ، ސަޕޯޓުކުރި އެންމެހާ ދިވެހި ރައްޔިތުންނަށް ބާއްވާ ޝޯއެއް ކަމަށެވެ.
ތިން ކެޓަގަރީއަކުން ޓިކެޓް ގަތުމުގެ ފުރުސަތު އޮތްއިރު، މިއިން ކޮނެމެ ކެޓެގަރީއަކުން ޓިކެޓް ގަނެގެން ފައިސާގެ އިނާމުގެ އިތުރުން، އިތުރު ހިދުމަތްތައް ވެސް ލިބޭނެއެވެ.
ފުރަތަމަ ކެޓަގަރީއަކީ ޕްލެޓިނަމްއެވެ. މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 5،000 ރުފިޔާއަށް، ޕުރައިމް ސީޓިންއެވެ. ސުވެނިއާސް އަދި އެކްސްކްލޫސިވް ގިފްޓްސް ވެސް ލިބޭނެއެވެ. މީގެ އިތުރުން ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުކުރުމުގެ ފުރުސަތުގެ އިތުރުން އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް ލިބިގެންދާނެއެވެ. ކޮންސާޓަށް ފަހު އޮންނަ އިންޑިއަން ޑިނާގައި ބައިވެރިވުމުގެ ފުރުސަތުގެ އިތުރުން، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، އިތުރު ހަދިޔާތައް ލިބިގެންދާނެއެވެެ.
ދެވަނަ ކެޓަގަރީއަކީ ގޯލްޑެވެ. މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 3،000 ރުފިޔާއަށް އެކްސަލެންޓް ސީޓިންއެވެ. ސުވެނިއާސް އަދި ހަދިޔާގެ އިތުރުން އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް ލިބިގެންދާނެއެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ފައިސާގެ ހަދިޔާގެ އިތުރު އެހެން ހަދިޔާތައް ވެސް ލިބިގެންދާނެއެވެ.
ތިން ވަނަ ކެޓެގަރީއަކީ ބްރައުންއެވެ. މި ކެޓެގަރީގެ ޓިކެޓު ގަންނަން ލިބޭނީ 1،000 ރުފިޔާއަށެވެ. މި ޓިކެޓު ގަނެގެން ސުވެނިއާސް އަދި ހަދިޔާ ލިބޭނެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ފައިސާ އިނާމުގެ އިތުރުން ތަފާތު ހަދިޔާތައް ލިބޭނެއެވެ.
މި ޝޯ ކުރިއަށްގެންދަން ނިންމާފައިވަނީ މިމަހު 23 ވަނަ ދުވަހުގެ ރޭ 8:00އިން ފެށިގެން 12:00އާ ހަމައަށެވެ. މިއީ މިހާތަނަށް ދިވެހި ބޭންޑަކުން ބާއްވާ އެންމެ ބޮޑު ޝޯއެވެ.
މި ޝޯއިން ބޭރުގެ ފަންނާނުން ވެސް ފެނިގެންދާނެ ކަމުގައި ވަނީ ހާމަކޮށްފައެވެ. މިގޮތުން 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން ސިންގް، މި ޝޯގައި ވެސް ހޯސްޓެއްގެ ގޮތުގައި ފެންނާނެއެވެ. 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ދެ ފަނޑިޔާރުން އަދި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަންގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް އަދި އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް' ފެނިގެންދާނެއެވެ.
އޭގެއިތުރުން، މި ޝޯގައި ދިވެހި ފަންނާނުންގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް' އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ)ގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.
- ޓޫ އޮފް އަސްއިން ހޯދި މި ކާމިޔާބީއަކީ މިހާތަނަށް ދިވެހި ބޭންޑަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީއެވެ.
ރިއެކްޓް



