ޔޫކޭގެ ފުރަތަމަ ކުޅިވަރު ބިލިއަނަރަކަށް ޑޭވިޑް ބެކަމް ވެއްޖެ
އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ މިލްކިއްޔާތު ނިމިދިޔަ އަހަރު ދެގުނަވެ، އޭނާއަކީ ޔޫކޭގެ ފުރަތަމަ ކުޅިވަރު ބިލިއަނަރުގެ ލަގަބު ހޯދި ފަރާތަކަށް ވެއްޖެއެވެ.
ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމްގެ ކޮމްބައިން މިލްކިއްޔާތު ނުވަތަ ދެމަފިރިންގެ ޖުމްލަ މުއްސަނދިކަން މިހާރު ވަނީ 1.186 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އިނގިރޭސި ކުޅިވަރު ތާރީޚުގައިވެސް އެތުލީޓަކު މިފަދަ ބޮޑު މުއްސަނދިކަމެއް ހޯދި ފުރަތަމަ ފަހަރެވެ.
ބެކަމްގެ މިލްކިއްޔާތަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އޭނާގެ ހިއްސާ އޮންނަ އެމެރިކާގެ ކުލަބު، އިންޓަ މިއާމީއަށް ލިބުނު ކުރިއެރުންތަކުންނެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް 2028 ވަނަ އަހަރާ ހަމައަށް ދިގުދަންމާލުމަކީ ބެކަމްގެ ވިޔަފާރިއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ކުޅިވަރުގެ އިތުރުން، ބެކަމް ވަނީ ފެޝަން ދާއިރާގައިވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އޭނާގެ އަމިއްލަ ބްރޭންޑްތަކާއި އެކި ދާއިރާތަކުން ކުރާ ވިޔަފާރިތަކަކީ އޭނާގެ މުއްސަނދިކަން އިތުރުވުމުގެ މައިގަނޑު އެއް ސަބަބެވެ.






ރިއެކްޓް