މަރުގެ ހުކުމް އިއްވަން މިހާރު ތިބި އަދުލުވެރިކަމެއް ނެތް ފަނޑިޔާރުންނާ ހަވާލުކުރަން ހެޔޮނުވާނެ: ޔާމީން
ރާއްޖޭގައި މިހާރު ތިބި ފަނޑިޔާރުންގެ ކިބައިގައި އަދުލުވެރިކަމެއް ނެތް ކަމަށާއި، އެފަދަ ބަޔަކާ މަރުގެ ހުކުމް އިއްވުން ފަދަ ބޮޑެތި ކަންކަން ހަވާލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން އެމަނިކުފާނަކީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަކާލާތު ކުރެއްވި ބޭފުޅެއް ނަމަވެސް، މިހާރު އެ ނިންމުން ބަދަލުކުރައްވާފައިވާ ކަމަށެވެ. "މަރުގެ ހުކުމް ކުރަނީ ކޮންބައެއްތޯ؟ އެއްކަލަ އަދުލުވެރިކަން ނެތް ފަނޑިޔާރުންނޭ. ފަނޑިޔާރުންގެ ނިޒާމު މިހެން އޮއްވައި. އަޅުގަނޑު ކުރިން ދެންނެވިން ދެއްތޯ އަޅުގަނޑަކީ މަރުގެ ހުކުމަށް ތަންފީޒުކުރަން އަޅުގަނޑަކީ ކުރީގައި އެކަމަށް ވަކާލާތުކުރި މީހެއް އިނގޭތޯ؟" ޔާމީން ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ނުކުޅެދުންތެރިކަމާއި އަދުލުވެރިކަން ނެތްކަން ފެނުމުން މަރުގެ ހުކުމާ މިހާރު ދެކޮޅު ކަމަށް ވިދާޅުވަމުން، ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާކުރި މައްސަލަތަކުގައި ފަނޑިޔާރުންނާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކޮށްފައިވާ ގޮތަށް ވެސް ފާޑުވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މަގާމު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ނުރައްކާތެރި ނިންމުމެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ. "އެ ނިންމުމަށް އަޅުގަނޑު ފަރުދެއްގެ ހައިސިއްޔަތުން އަދި ސިޔާސީ މަސައްކަތުގައި އެތައް ޒަމާނެއް ވަންދެން އުޅެފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ ނިންމުމަކަށް އެއްބަހެއް ނުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގައި މެންބަރުންނަކީ ގާނޫނު ނަގަހައްޓައި އާންމު މަސްލަހަތު ހިމާޔަތް ކުރަންޖެހޭ ބަޔެއް ކަމަށް އޮތް ނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން މެންބަރުން ހިމާޔަތް ކުރަންޖެހޭނީ އެމީހެއްގެ ޕާޓީ ކަމަށް ވެގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަޖިލީހުގެ ދައުރެއް ނޯންނަ ގޮތަށް ކޯޓުން ނިންމާފައިވާ ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިސް މެންބަރަކީ ހަމައެކަނި އޭނާގެ ޕާޓީ ދިފާއު ކުރަންޖެހޭ މީހެއްގެ ގޮތުގައި ކަމަށާއި، މިއީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނިޒާމަށް އެޅުނު ހުރަހެއް ކަމަށެވެ.






ރިއެކްޓް