ލ. ގަމު ސްކޫލެއްގެ ޓީޗަރަކު މަރުވެފައި އޮއްވާ ފެނިއްޖެ
ލ. ގަމުގައި ހުންނަ ޙަމަދް ބިން ޚަލީފާ އަލް ޡާނީ ސްކޫލްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ޓީޗަރަކު އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ މިރޭ ފެނިއްޖެއެވެ.
މިރޭ މަރުވެފައި އޮއްވާ ފެނުނީ އެ ސްކޫލުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަތީޝް އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ލ. ގަމުގެ ސްކޫލެއްގައި މަސައްކަތް ކުރާ ބޭރު މީހަކު އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:30 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ، ފޯނަށް ޖަވާބު ނުދޭތީ އޭނާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލި ބެލުމުންނެވެ. އޭނާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މަރުވި ޓީޗަރުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއްގެ ނިޝަނެއް ފެންނާކަށް ނެތެވެ. "އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއްގެ ނިޝަނެއް ފެނިފައި ނުވޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް