ޚަބަރު

ވިއްކާ އެސެޓުތައް އަތުލައި ވިއްކި މީހުނަށް ފިޔަވަޅު އަޅާނަން: ޔާމީން

3 ޖުލައި 2026 - 16:26
ވިއްކާ އެސެޓުތައް އަތުލައި ވިއްކި މީހުނަށް ފިޔަވަޅު އަޅާނަން: ޔާމީން

އިރާދަކުރެއްވިއްޔާ ދެން އަންނާނީ ޕީއެންއެފްގެ ވެރިކަމެއް ކަމަށާއި، އެ ވެރިކަމެއްގައި ރާއްޖޭގެ އެސެޓުތައް ވިއްކި މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ގައުމުގެ ކެޕިޓަލް އެސެޓުތައް ވިއްކާލުމަކީ އެމަނިކުފާނު އެންމެ ހިތްހަމަނުޖެހޭ ކަން ކަމަށެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގައުމުގެ މުހިންމު އެސެޓުތައް ވިއްކާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިނުމާއި، ދިރާގުގެ ހިއްސާ ވިއްކާލުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ޕޯޓު ވިއްކާލަން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށާއި، އެކަން މިހާތަނަށް ހިފެހެއްޓިފައި އޮތީ ޕީއެންއެފްގެ ޖަލްސާތަކުގައި އެ ވާހަކަ ދައްކާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "ލީޑަރުންނަށް އަންނަ މީހުންނަށް މި ވަނީ ކީއް ހެއްޔޭ؟ އެ މީހުން އަމިއްލައަށް ތަނެއް ބިނާކުރަންވީ ނޫންތޯ؟ އެ މީހުން ބިނާކޮށްފައި، ތިން ހަތަރު ޕޯޓު ހަދާފައި އެތަނުން އެއްޕޯޓު ވިއްކާލަންވީ ނޫންތޯ؟" ޔާމީން ސުވާލު އުފެއްދެވި އެވެ.

އެސެޓުތައް ވިއްކާލާ ފަރާތްތަކަށް އިންޒާރު ދެއްވަމުން ޔާމީން ވިދާޅުވީ ޕީއެންއެފްގެ ވެރިކަމެއްގައި އެ މައްސަލަތައް ބަލައި، ވިއްކާލާފައިވާ ތަންތަން އަނބުރާ އަތުލާނެ ކަމަށެވެ. އަދި އެފަދަ ތަންތަން އަތުލުމުގައި އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. "ވިއްކަނީ ކިތަންމެ ބޮޑު މީހެއް ނަމަވެސް، އޭނާގެ އާއިލާ ކިތަންމެ ބޮޑު ނަމަވެސް، އެ މައްސަލަ ބަލާނަން. އަދި ދަށް ގޮހޮރުގައި އެ ފައިސާ ހުރި ނަމަވެސް އަޅުގަނޑުމެން އެ ފައިސާ ހޯދާނަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ވެސް އެފަދަ އެސެޓުތައް ގަންނައިރު ވިސްނަން ޖެހޭނެ ކަމަށާއި، ދިވެހި ސަރުކާރުން އެއަށް ބަދަލު ނުދޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް ވެރިކަމަށް ކުރިމަތިނުލެވޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ، އެއީ އިރާދަކުރެއްވިއްޔާ ވާނެ ކަމެއް ނޫން ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0