ގަން އެއާޕޯޓް މަސައްކަތުގެ ހާއްސަ އިންސްފެކްޝަނެއް ކުރިއަށް ގެންގޮސްފި
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ހާއްސަ އިންސްޕެކްޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންސްޕެކްޝަންގައި ހައިކޮމިޝަނުގެ އިސް ބޭފުޅުންގެ އިތުރުން ހައުސިން މިނިސްޓްރީއާއި، ގަން އެއާޕޯޓްގެ މެނޭޖްމެންޓް އަދި މި މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އިންޑިއާގެ ރެނާޓަސް ކުންފުނިން ބައިވެރިވެފައިވެއެވެ. މި މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިއަށް ގެންދާ 29.7 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ.
ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 4 ޖޫން 2023 ގައެވެ. މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރެވޭނެއެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ތެރޭގައި އެއާޕޯޓުގެ އާ ކޮންޓްރޯލް ޓަވަރާއި، ފަޔާ ސްޓޭޝަނާއި، މަގުތަކާއި ޕާކިން ސަރަހައްދުތައް ތަރައްގީކުރުން ވެސް ހިމެނެއެވެ. މި ވަސީލަތްތަކާއެކު އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީވެގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ފްލައިޓުތަކެއް ސީދާ ފްލައިޓުތައް އައްޑޫއަށް އޮޕަރޭޓް ކުރުމަށް މަގުފަހިވެ، އެ ސަރަހައްދުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުވެ، އިގްތިސާދީ ގޮތުން ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.






ރިއެކްޓް