ޑޮލަރުގެ އަގު ދަށް ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމުން : ރައީސް ނަޝީދު
ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ތިރިނުވެ ހިފެހެއްޓިފައިވަނީ ދަރަނި އަލުން އެކުލަވާލުމުގެ ހަރުދަނާ ޕްރޮގްރާމެއް ނެތުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ މި ގޮންޖެހުމުން އަރައިގަތުމަށްޓަކައި ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މުހިންމުކަން ބޮޑެވެ. ނަމަވެސް އެފަދަ ރަނގަޅު ޕްރޮގްރާމެއް މިހާތަނަށް ފެންނަން ނެތުމަކީ ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޑޮލަރުގެ އަގު ތިރިނުވާ އަނެއް ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ ޑޮލަރުން ކުރާ ހަރަދުތައް މަދުނުވުމެވެ. އެމަނިކުފާނު ވިދާޅުވީ، "ޑޮލަރުގެ އަގު ދަށް ނުވަނީ ދަރަނި އަލުން އެކުލެވުމުގެ ރަނގަޅު ޕްރޮގްރާމެއް ނެރުމާއި އެކަން މައްޗަށް ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވާތީ،" ކަމަށެވެ.
ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދަރަނި އަލުން އެކުލަވާލުމަކީ އިގްތިސާދީ މާހިރުން ވެސް ލަފާދެމުންދާ ކަމެކެވެ.
ރައީސް މުއިއްޒު މީގެ ކުރިން އެކި ފަހަރުމަތިން ޑޮލަރުގެ އަގު ދަށް ވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް މިހާރު ވިދާޅުވަމުންދަނީ ވެރިކަމަށް އައި އިރު މެދުއިރުމަތީގައި ހަނގުރާމަ ކުރާނެކަން ނޭގޭ ކަމަށެވެ.
މީގެ އިތުރުނއ މިއަދު އޮތް އިގްތިސާދީ ވަޒީރު ސައީދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރުގެ ސުވާލުކުރުމުން ވަޒީރު ވަނީ ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޑޮލަރުގެ އަގު ދަށް ނުވަނީ ކުރީ ސަރުކާރުން އަމަލުކުރި ގޮތުންކަމަށް ދޭހަވާ ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކުން ދޭހަވަނީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެވެ.






ރިއެކްޓް