ޚަބަރު

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް ފަށައިފި

30 ޖޫން 2026 - 10:29
އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް ފަށައިފި

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އައި.އެމް.އެފް.ޓީ.އޭ) ގާއިމުކުރުމަށް ބާއްވާ އެއް ހަފުތާގެ މުއްދަތަށް ދެމިގެންދާ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ވާޗުއަލްކޮށް ކުރިއަށްގެންދާ މި މަޝްވަރާތަކުގެ ފުރަތަމަ ބުރު ޖޫން 29 ގައި ފަށާފައިވާއިރު، މި ބައްދަލުވުންތައް ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ދެ ގައުމުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އިސްކަންދޭނީ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމަށާއި، ވިޔަފާރީގެ ގަވާއިދުތައް ލުއިފަސޭހަކުރުމުގެ އިތުރުން، ބޯޑަރު ހުރަސްކޮށް ދެވޭ ޚިދުމަތްތަކާއި އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމަށެވެ. މިކަމަށްޓަކައި އެކުލަވާލަންޖެހޭ "ޓާމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރް) އިންޑިއާގެ ކޮމާސް މިނިސްޓްރީ އާއި ދިވެހި ސަރުކާރުން މިހާރު ވަނީ ފައިނަލްކޮށްފައެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މި އެއްބަސްވުމަކީ އިގްތިސާދު ސިންދަފާތުކުރުމަށާއި، ވަކި ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެއް ކަމަށެވެ. "މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ވިޔަފާރީގެ މި މަޝްވަރާތަކާއެކު، އިގްތިސާދީ އަދި މާލީ ގޮތުން ދެ ގައުމު ގުޅާލުމުގެ ފުޅާ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ރޫޕޭ ކާޑު ތައާރަފުކުރުމާއި، ދެ ގައުމުގެ ފައިސާއިން މުއާމަލާތްކުރުމުގެ އިތުރުން، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫ.ޕީ.އައި) އިންޓަގްރޭޓް ކުރުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވަނީ މި މަޝްވަރާތައް އަވަސްކުރުމާ ގުޅޭގޮތުން ދާދިފަހުން މަޝްވަރާކުރައްވާފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރާނެކަން ފުރަތަމަ އިއުލާނުކުރީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ އެއް ބައިވެރިޔާ ކަމަށްވާއިރު، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސިއުމާ މާކެޓަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓްކުރުމަށް ފަސޭހަ މަގުތަކެއް ހުޅުވިގެންދާނެއެވެ.

ދިވެހިރާއްޖެއިން މީގެ ކުރިން ޗައިނާއާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށް، އެއަށް މިހާރު އަންނަނީ އަމަލުކުރަމުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ލިބުނު ފައިދާތަކާ ގުޅޭގޮތުން ސަރުކާރުން އަދި ސާފު ތަފްސީލެއް ދީފައިނުވާކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0