މުއިއްޒުގެ ސަރުކާރުން ރައްޔިތުން ޑޮލަރަށް ޖައްސައި، ބީއެމްއެލް ކަޅުބާޒާރަށް ވައްދައިފި: ފައްޔާޒް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުން ޑޮލަރަށް ޖައްސައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަޅުބާޒާރަށް ވައްދާފައިވާ ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ބޭންކަށް މާރުކުރާ ޑޮލަރު އިތުރުކުރުމުގެ ބޭނުމުގައި ބީއެމްއެލް އިން "އިންވެސްޓްމަންޓްސް" ގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށް، ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ޑޮލަރު މާރުކުރަން ހުޅުވާލުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ބީއެމްއެލް އިން ބޭރު ފައިސާއާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ގޮންޖަހައި، ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަދެފައިވާ ކަމަށެވެ. އަދި މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރަށް ބޭރު ފައިސާގެ ސަޕްލައި ކަށަވަރުކޮށްނުދެވުމުގެ ސަބަބުން ބޭންކަށް މިހާރު މަޖުބޫރުވެފައިވަނީ ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޭރުން ޑޮލަރު ގަތުމަށެވެ.
"ބޭންކުން 'އިންވެސްޓްމަންޓް' އެއްގެ ނަމުގައި ކޮންމެ ބަހަނާއެއް ދެއްކި ނަމަވެސް، މިއީ އެމްއެމްއޭގެ ހުއްދައެއް ނެތި ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު ރަސްމީކުރުން ކަން ކަށަވަރެވެ،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ ދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހަރަދުތަކަށް ހަރުކަށި ހުރަސްތަކެއް ކުރިމަތިކުރުމަށްފަހު އެޅި ފިޔަވަޅެއް ކަމަށާއި، މިއީ ސަރުކާރުގެ ނާގާބިލުކަން ހާމަކޮށްދޭ ސާފު ހެއްކެއް ކަމަށެވެ.
ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، ބީއެމްއެލް އަށް މަޖުބޫރުކޮށްގެން ގާނޫނާ ހިލާފަށް ޑޮލަރު ގަތުމަކީ ޑޮލަރު ލިބުމުގެ މައްސަލައަށް އޮތް ހައްލެއް ނޫނެވެ. އަދި ސަރުކާރުން ދޮގު ވައުދުތަކެއް ވުން ފިޔަވައި އެއްވެސް ހައްލެއް ނެތް ކަމަށާއި، ރައްޔިތުން މިއަދު ތިބީ ޑޮލަރުކޮޅެއް ނުލިބިގެން ސަލާންޖަހަން ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމަށް ސަރުކާރުގެ އެއްވެސް ހަގީގީ ރޭވުމެއް ނެތް ކަމަށާއި، އިގްތިސާދު ރަނގަޅު ކުރެވޭނީ ދުރު ރާސްތާގެ ހަރުދަނާ ސިޔާސަތުތަކާއި ހެޔޮވެރިކަމެއްގެ ތެރެއިން ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.






ރިއެކްޓް