ކަރަންސީ ސްވޮޕް ބޭނުންކުރީ މިސަރުކާރުން، އެއީ އެމްޑީޕީ ސަރުކާރުގެ ދަރަންޏެއް ނޫން: އަމީރު
އިންޑިއާއާއެކު ހެދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަކީ އެމްޑީޕީ ސަރުކާރުގެ ދަރަންޏެއްކަމަށް ބުނެ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު އެ ފެސިލިޓީން އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުހުންނާނެ ކަމަށެވެ.
އަމީރު ފާހަގަކުރެއްވި ގޮތުގައި، ސާކް ކަރަންސީ ސްވޮޕް އެގްރީމަންޓްގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިފައިވާ 400 މިލިއަން ޑޮލަރުގެ ފެސިލިޓީއަކީ ރިޒާވް މެނޭޖުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. ނަމަވެސް، މި ފައިސާ އެއްކޮށް ނަގައި ބޭނުންކޮށްފައިވަނީ މިހާރުގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއަށް ދެއްކި 500 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން މިހާރު އޮތް ގޮތުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ. ދެ ގައުމުގެ ގުޅުން ރަނގަޅުނަމަ، އެ ފައިސާ މިވަގުތު ދައްކަން ނުޖެހި 'ރޯލްއޯވަރ' ކުރެވުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ފައިސާ މިވަގުތު ދައްކަން ޖެހުމުން ރާއްޖޭގެ ރިޒާވަށް އިންތިހާއަށް ޕްރެޝަރު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމަށް ވަނީ މަގުފަހިވެފައި،" އަމީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މިފަދަ ދޮގު މައުލޫމާތު ފަތުރަނީ ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށްފަހު، އެކަމުގެ ޒިންމާއިން ބަރީއަވުމަށް ކަމަށެވެ.
އަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުގެ ހަގީގަތް ހޯދުމަށް ރާއްޖޭގައި ތިއްބެވި މާހިރުންނާ ސުވާލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެމްޑީޕީ ސަރުކާރުން ކަރަންސީ ސްވޮޕް އެގްރީމަންޓްގެ ދަށުން ބޭނުންކޮށްފައި ނުދައްކާ އެއްވެސް ފައިސާއެއް ނޯންނާނެކަން އޭނާ ތަކުރާރުކޮށް ޔަގީންކޮށްދެއްވިއެވެ.






ރިއެކްޓް