ޚަބަރު , ދުނިޔެ

ނަންބަރުގެ ބަދަލުގައި ޔޫސަރނޭމް ބޭނުންކުރެވޭ ގޮތަށް ވަޓްސްއެޕުން ހަމަޖައްސަނީ

30 ޖޫން 2026 - 19:42
ނަންބަރުގެ ބަދަލުގައި ޔޫސަރނޭމް ބޭނުންކުރެވޭ ގޮތަށް ވަޓްސްއެޕުން ހަމަޖައްސަނީ

ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިންގ އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ފޯނު ނަންބަރު ހާމަނުކޮށް، ޔޫސަރނޭމް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ފަށައިފިއެވެ.

ތިން ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕްލިކޭޝަނުން މި ބަދަލު ގެންނަނީ ކަސްޓަމަރުންގެ ޕްރައިވެސީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.

މެޓާ އިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މިއަހަރުގެ ފަހުކޮޅު މި ފީޗާ އާންމުކޮށް ދޫކޮށްލުމުގެ ކުރިން، މިހާރު ވަނީ ޔޫސަރނޭމް ރިޒާވް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއީ މިހާތަނަށް ފޯނު ނަންބަރު އެނގިގެން މެނުވީ މުއާމަލާތް ނުކުރެވޭ އުސޫލަށް ގެނެވޭ ބޮޑު ބަދަލެކެވެ.

ވަޓްސްއެޕުން ބުނި ގޮތުގައި މިއީ ޕްރައިވެސީއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ ފީޗާއެކެވެ. އެގޮތުން ޔޫސަރނޭމްތަކުގެ ޕަބްލިކް ޑައިރެކްޓަރީއެއް ނޯންނާނެ ކަމަށާއި، މީހަކާ އަލަށް ގުޅަން ބޭނުންވާނަމަ އެމީހެއްގެ ޔޫސަރނޭމް ސީދާ އެނގެން ޖެހޭނެއެވެ. "މިއީ ޕްރައިވެސީއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ ފީޗާއެއް" ކަމަށް ވަޓްސްއެޕުން ބުނެފައިވެއެވެ.

ކުރިއަށް އޮތް މަސްތަކުގައި ފޯނު ނަންބަރުގެ ބަދަލުގައި ހަމައެކަނި ޔޫސަރނޭމް މެދުވެރިކޮށް މީހުންނަށް ފެންނަ ގޮތަށް ސެޓިންގްސް ބަދަލުކުރުމުގެ އިހުތިޔާރު ކޮންމެ ބޭނުންކުރާ ފަރާތަކަށްވެސް ލިބިގެންދާނެއެވެ. ޔޫސަރނޭމްތަކުގެ ދިގުމިނުގައި 3 އަކުރާއި 35 އަކުރާ ދެމެދުގެ އަދަދެއް ހުންނަން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، މަޝްހޫރު ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ފޭކު އެކައުންޓްތައް ހެދުން ހުއްޓުވުމަށްޓަކައި، އެފަދަ ފަރާތްތަކަށް ހާއްސަ ޔޫސަރނޭމްތައް ވަޓްސްއެޕުން ހިފަހައްޓާނެއެވެ. މީގެ ސަބަބުން އޮޅުވާލައިގެން މީހުންގެ ނަމުގައި އެކައުންޓް ހެދުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0