ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް ބައި ގަޑިއިރު ދެނީ
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތްތަކުގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތްތަކުގައި، ގަޑި ނުޖެހޭ ގޮތަށް 30 މިނެޓުގެ 'ބަފާ ޓައިމް' އެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފިއެވެ.
ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ބަފާ ޓައިމް އަކީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ. މިގޮތުން ކޮންމެ މުވައްޒަފަކަށްވެސް ރަސްމީ މަސައްކަތު ގަޑިން ފެށިގެން 30 މިނެޓުގެ ވަގުތެއް ލިބޭނެއެވެ.
މި ވަގުތުގެ ބޭނުން ހިފާ މުވައްޒަފުން، އޮފީހަށް ހާޒިރުވާން ޖެހޭ ސަބަބު ބަޔާންކޮށް އެ އިދާރާއެއްގެ އެޗްއާރު ސެކްޝަނަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ކަނޑައެޅިފައިވާ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ އެ މުވައްޒަފަކު ގަޑި ޖެހުނީ ކަމަށެވެ. އަދި އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
ބަފާ ޓައިމްގެ ތެރޭގައި އޮފީހަށް ހާޒިރުވާ ވަގުތަށް ބަލައި، އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެ ގޮތަށްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ މުވައްޒަފު މަސައްކަތް ކުރަންޖެހޭ ވަގުތު ހަމަކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ.
މިސާލަކަށް، އޮފީހުގެ މަސައްކަތް ފަށާ ގަޑިއަކީ ހެނދުނު 8:00 ކަމަށްވެފައި، މުވައްޒަފަކު އޮފީހަށް ހާޒިރުވީ 8:15 ގައި ނަމަ، އެ މުވައްޒަފެއްގެ މަސައްކަތް ނިމޭނީ މެންދުރުފަހު 2:15 ގައެވެ. މި ބަދަލާއެކު މުވައްޒަފުންނަށް ދިމާވާ ކުއްލި ކަންކަމުގައި އޮފީހަށް ހާޒިރުވުމުގައި އޮންނަ ތާށިކަމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް