ޚަބަރު

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހުގެ ބައެއް ކަނޑާލައިފި

2 ޖުލައި 2026 - 12:51
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހުގެ ބައެއް ކަނޑާލައިފި

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ 'ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް' (އާރުއައިސީ) ކަނޑާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި ލުއި ދިނުމަށް ނިންމާފައިވަނީ އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުން އެކަންޏެވެ.

މި ބަދަލު ރަސްމީކޮށް އިއުލާންކޮށް، އިންޑިއާގެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ އިއުލާނުގައިވާ ގޮތުން ރާއްޖޭގެ އިތުރުން މޮރިޝަސްއަށް ވެސް މިހާރު ވަނީ މި ލުއި ދީފައެވެ. ގެޒެޓުގައި ޝާއިއުކުރި ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ވަނީ ފަށާފައެވެ.

މީގެ ކުރިން އިންޑިއާއިން މި ލުއި ދެމުން އައީ އަވަށްޓެރި ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީ ލަންކާއަށެވެ. އަލަށް ގެނައި މި އިސްލާހާ އެކު، އިންޑިއާގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން ރާއްޖެއަށް ތެޔޮ އެކްސްޕޯޓު ކުރާއިރު ނަގާ ޓެކްސް އުނިވުމުން، އެ ގައުމުން އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެ ކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް މިހާރު މައިގަނޑު ގޮތެއްގައި ޕެޓްރޯލާއި ޑީސެލް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ނުހިމެނެއެވެ. ރާއްޖެއިން އެންމެ ބޮޑަށް ބަރޯސާވަނީ އޮމާން އަށެވެ. މީގެ އިތުރުން މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރުން ވެސް ރާއްޖެއަށް ތެޔޮ އެތެރެކުރެއެވެ.

އެހެންނަމަވެސް، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ ތާށިކަމެއް އަތުވެދާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވިފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0