ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. ނައިފަރުން ތިން މީހަކު ހައްޔަރުކޮށްފި

26 ޖޫން 2026 - 22:33
މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. ނައިފަރުން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޅ. ނައިފަރުން ތިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

ޖޫން މަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ނައިފަރުގެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 37 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް ތަކެތި ވެސް އެ ގެއިން ވަނީ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ނޭޒާ، އާދަމް ޙަސަންފުޅު (41އ) އާއި، ޅ. ނައިފަރު / މުރަނގަމާގެ، މުޙައްމަދު ޝިފާޒު (36އ) ގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ސޭމް ސަޖޫ (28އ) އެވެ.

ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ތިން މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0