ޚަބަރު

ސްޓޭޓް ފާމާގެ ހިދުމަތް ރަސްމީކޮށް ފަށައިފި

1 ޖުލައި 2026 - 13:50
ސްޓޭޓް ފާމާގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯއިން ހިންގަމުން އައި ފާމަސީތަކުގެ ހިދުމަތް "ސްޓޭޓްފާމާ" ގެ ނަމަށް ރަސްމީކޮށް ބަދަލުކޮށް، އެ ކުންފުނީގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސްޓޭޓްފާމާގެ ފަރާތުން މިއަދު ނެރުނު ރަސްމީ އިއުލާނެއްގައެވެ.

ސްޓޭޓްފާމާއިން ބުނި ގޮތުގައި، 1 ޖުލައި 2026 އިން ފެށިގެން އެސްޓީއޯގެ ފާމަސީތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުވެ، ރަސްމީކޮށް ހިދުމަތް ދޭން ވަނީ ފަށާފައެވެ. މި ބަދަލަކީ ރާއްޖޭގެ ބޭހުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ކުންފުނީގެ އިއުލާނުގައި ބުނެފައިވަނީ، "އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކީ މުޅި ރާއްޖޭގައި ބޭހުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމެވެ." މިފަދަ ގައުމީ ޒިންމާއަކާ ހަވާލުވުމަކީ ކުންފުންޏަށް ލިބޭ ބޮޑު ޝަރަފެއް ކަމަށްވެސް ސްޓޭޓްފާމާއިން ބުނެފައިވެއެވެ.

މި ބަދަލުތައް ތަންފީޒުކުރަމުންދާ މަރުހަލާގައި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. އަދި ހިދުމަތާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުންފުނީގެ ހޮޓްލައިން 1505 މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސްޓޭޓްފާމާއިން ވަނީ މި ބަދަލު ގެނައުމުގައި ރައްޔިތުންނާއި، ސިއްހީ ދާއިރާގެ ފަރާތްތަކުގެ އިތުރުން ކުންފުނީގެ މުވައްޒަފުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އެ ކުންފުނީގެ އެންމެ އިސް އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ސްޓޭޓްފާމާއަކީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި 9 ސެޕްޓެމްބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދި ސަރުކާރުގެ ސައްތަ އިންސައްތަ ޙިއްޞާ އޮންނަ، ދައުލަތުގެ ފުރިހަމަ މިލްކުވެރިކަން އޮތް ކުންފުންޏެކެވެ .

މި ކޯޕަރޭޝަން އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، މުޅި ރާއްޖެއަށް ބޭނުންވާ ބޭހާއި، މެޑިކަލް ކޮންސިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި، އެ ތަކެތި ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0