އިލެކްޝަން ކޮމިޝަނުގެ ރައީސްކަމަށް "ޕީއެންސީ ޝަކީލް" އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ގޮތަށް، އިލެކްޝަންސް ކޮމިޝަނުގެ (އީސީ) ރައީސްގެ މަގާމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރީގެ ރެޖިސްޓްރާ މުހައްމަދު ޝަކީލު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޝަކީލަކީ ޕީއެންސީގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ އަދި ރައީސް މުއިއްޒާއި އަރިސް ބޭފުޅެކެވެ.
މުހައްމަދު ޝަކީލަކީ މީގެ ކުރިން ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގެ އިތުރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ޝަކީލް އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ޝަކީލު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަނުކުރަން ރުހުން ދިނުމަށް މަޖިލީހުގައި ނެގި ވޯޓުގައި 51 މެންބަރުން ވޯޓު ދެއްވި އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު އިސްތިއުފާ ދެއްވިއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށާއި އިންތިހާބުތަކުގެ ނަތީޖާއާ ގުޅިގެން ސަރުކާރުގެ ފަރާތުން އޭނާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދިޔަ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ގެނައި އާ އިސްލާހާއެކު، ކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު މިހާރު އޮންނަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ. ކުރިން އޮންނަ އުސޫލަކީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ރައީސަކު އިންތިހާބު ކުރުމެވެ. ނަމަވެސް އާ ގާނޫނުގެ ދަށުން އެ މަގާމަށް ބޭފުޅަކު ނޮމިނޭޓު ކުރުމާއި އައްޔަން ކުރުމުގެ ފުރިހަމަ އިހުތިޔާރު ރައީސަށް ލިބިގެންވެއެވެ.
މި ނިންމުމާއެކު، އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާގެ ގޮތުގައި ޝަކީލް މަސައްކަތް ކުރައްވަން ފައްޓަވާނެއެވެ. މިއީ އެ ކޮމިޝަނުގެ ހިންގުމަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.






ރިއެކްޓް