ޚަބަރު

އެމްޑީޕީން މޯލްޑިވިއަނަށް ދައްކަންޖެހޭ 3 މިލިއަން ރުފިޔާ ދައްކަން ސްޓެލްމަންޓް އެގްރީމަންޓެއް

2 ޖުލައި 2026 - 21:15
އެމްޑީޕީން މޯލްޑިވިއަނަށް ދައްކަންޖެހޭ 3 މިލިއަން ރުފިޔާ ދައްކަން ސްޓެލްމަންޓް އެގްރީމަންޓެއް
އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދާއި އެ ޕާޓީގެ ރައީސް ޝާހިދު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) މެދުވެރިކޮށް އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 3.6 މިލިއަން ރުފިޔާ ހޯދުމަށް ދެ ފަރާތުގެ މެދުގައި ކޯޓުން ބޭރު އެއްބަސްވުމަކަށް (ސްޓެލްމަންޓް އެގްރިމެންޓް) ގޮސްފިއެވެ.

މި އެއްބަސްވުމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ވަނީ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އައިލެންޑް އޭވިއޭޝަނަށާއި އެމްޑީޕީގެ މައްޗަށް އަމުރުކޮށްފައެވެ.

ރިޔާސީ ކެމްޕޭނު ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތަކުން އެމްޑީޕީން ކުރި ދަތުރުތަކަށް ޖުމްލަ 5.6 މިލިއަން ރުފިޔާ އަރާފައިވެއެވެ. އޭގެ ތެރެއިން ނުލިބި އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ހުކުމްކުރި ނަމަވެސް، އެ ހުކުމާއި ގުޅިގެން އެއްވެސް ފައިސާއެއް މިހާތަނަށް ދައްކާފައެއް ނުވެއެވެ.

މި މައްސަލައިގައި އައިލެންޑް އޭވިއޭޝަނުން ކުރިން އެދިފައިވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދޭ ފައިސާގެ ތެރެއިން އެ އަދަދު އުނިކުރުމަށާއި، އެމްޑީޕީގެ އެކައުންޓް ފްރީޒްކޮށްދިނުމަށެވެ.

ނަމަވެސް، އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ދެ ފަރާތުން ވަނީ އާ އެއްބަސްވުމަކަށް އައިސްފައެވެ. އައިއޭއެސްއިން ވަނީ މި އެއްބަސްވުމަށް އަމަލުކުރަން އަމުރުކޮށްދިނުމާއެކު، ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިންމައިދިނުމަށް އެދިފައެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ސެޓެލްމަންޓް އެގްރިމެންޓަށް ދެ ފަރާތުން ވެސް އަމަލުކުރުމަށް އަންގާފައެވެ. އެހެންނަމަވެސް، މި އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0