ދަރީގެ ހަރަދު ނުދޭ މުހައްމަދު ހަބީބުގެ ފޮޓޯ ކޯޓުން އާއްމުކޮށްފި
ދަރިފުޅަށް ދޭންޖެހޭ ހަރަދު ނުދޭ މީހުންގެ މައުލޫމާތު ފޮޓޯއާއެކު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އާއްމުކޮށްފިއެވެ.
މިއީ ސާބިތު ހަރަދު ނުދައްކާ ފަރާތްތަކާ މެދު ކޯޓުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
ރަސްދޫ ކޯޓުން ސަރުކާރުގެ ގެޒެޓްގައި އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތަކީ އދ. މަންދޫ، މުހައްމަދު ހަބީބު ކަމަށެވެ. އެ ފަރާތުގެ ފޮޓޯއާއި މައުލޫމާތު އާއްމުކުރީ ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ކަމަށް ކޯޓުން ވިދާޅުވެއެވެ.
ރާއްޖޭގެ އާއިލާއާބެހޭ ގާނޫނުގައިވާ ގޮތުން، އަނބިމީހާއަށާއި ދަރިންނަށާއި، ވަރިކޮށްފައިވާ އަންހެނުންނަށް ޝަރުއީ ހަމަތަކުގެ މަތިން ހަރަދު ދިނުމަށް ފިރިމީހާ ނުވަތަ ވަރިކުރި ފިރިހެނާގެ މައްޗަށް އަމުރުކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. މިގޮތަށް ކުރާ އަމުރުތަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަކީ ކޯޓުތަކުން މިހާރު ކުރަމުންދާ ކަމެކެވެ.
ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާއްމުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މިގޮތަށް އަމަލުކުރަން ފެށީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނެވެ. އޭގެ ފަހުން މާލޭގެ ފެމިލީ ކޯޓުން ވެސް ވަނީ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާއްމުކުރަން ފަށާފައެވެ.
މި ފިޔަވަޅަކީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމަށާއި، ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.






ރިއެކްޓް