ބޭނުންކޮށްފައި ހުރި ގޮދަޑިއެއް މަގުމަތީގައި ބެހެއްޓި މީހަކު ހޯދަނީ
މާލޭގެ މަގެއްގެ މަތީގައި ބޭނުންކޮށްފައި ހުރި ބޮޑު ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ކައުންސިލުން މިކަން ހާމަކޮށްފައިވަނީ އެ އިދާރާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ގޮދަޑި ބަހައްޓާފައި ހުރީ މައްޗަންގޮޅީ ސަހަރާގެ ފާރުގައި ލައްގައިފައެވެ. މި ބޮޑު ގޮދަޑި މަގުމަތީގައި ބެހެއްޓުމުގެ ސަބަބުން، ހިނގާ މީހުންނަށް ހާއްސަ ކުރެވިފައިވާ ޕޭވްމަންޓުން ބައެއް ބޭނުންނުކުރެވޭ ގޮތަށް ވަނީ ބަންދުވެފައެވެ.
Loading tweet content... View original tweet
ކައުންސިލުން ބުނީ މި އަމަލު ހިންގި މީހަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަވާ ނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް ނުވަތަ 1622 އަށް ގުޅައި ރިޕޯޓް ކުރުމަށް އާންމުންގެ ކިބައިން ވަނީ އެދިފައެވެ.
މާލޭގެ މަގުތަކަށް ގޭތެރޭގައި ގެންގުޅޭ ބާ ސާމާނާއި ބޮޑެތި ކޮތަޅުތަކުގައި ކުނި ނެރެ ބެހެއްޓުމަކީ އާންމުވެފައިވާ ބޮޑު މައްސަލައެކެވެ. މިގޮތަށް މަގުތަކަށް އުކާލާ ކުނި ކައުންސިލުން ސާފުކުރަމުންދާއިރު، ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ހޯދައި ބައެއް ފަހަރު ޖޫރިމަނާވެސް ކުރަމުންދާކަން ފާހަގަކުރެވެއެވެ.






ރިއެކްޓް