ޚަބަރު

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

1 ޖުލައި 2026 - 12:11
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެއްޅުވި މި އިސްލާހާއެކު، ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު އަގުހެޔޮވާނެ ކަމަށް ބެލެވެއެވެ. މި ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށްފަހު، ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްކުރުމަށް 69 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި އިސްލާހުގެ ދަށުން ސިނގިރޭޓުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަވާނެއެވެ. އަދި ކޮންމެ ސިނގިރޭޓަކުން ނަގާ ސްޕެސިފިކް ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ސިނގިރޭޓާ އެއްވަރަކަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ސިނގިރޭޓުގެ އަގު ބޮޑުކުރީ ނޮވެމްބަރު 2024 ގައެވެ. އެ ބަދަލާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު 240ރ. އާއި 250ރ. އާ ދެމެދުގެ އަގަކަށް އުފުލުނެވެ. ނަމަވެސް މިއަދު ފާސްކުރި ބިލާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު 130ރ. އަށް ވެއްޓޭނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުން ބުނާ ގޮތުގައި މި ބަދަލަކީ ޑަބްލިއުއެޗްއޯގެ ލަފަޔާއެކު ގެނައި ބަދަލެކެވެ.

ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުމާ ގުޅިގެން ރާއްޖޭގައި ވަގު ދުންފަތުގެ ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު އާންމުވެފައިވާކަން ފާހަގަކުރެވެއެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ގަވާއިދުތައް އިސްލާހުކޮށް އަމަލުކުރަން ޖެހޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1