ޚަބަރު

ހިމަބިހި ފެތުރުމާއި ގުޅޭގޮތުން ކުރި ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް

8 ޖުލައި 2026 - 16:08
ހިމަބިހި ފެތުރުމާއި ގުޅޭގޮތުން ކުރި ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް

ރާއްޖޭގައި މި ދުވަސްވަރު އާދަޔާއިހިލާފަށް ހިމަބިހި ފެތުރެމުންދާ ދިޔުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބު އަތުގައި ނެތް ކަމަށް ވިދާޅުވެ، އެ ސުވާލުތަކަށް ޖަވާބުދެއްވަން ހެލްތު މިނިސްޓަރުމިނިސްޓަރު ގީލާ އަލީ ދެކޮޅު ހައްދަވައިފިއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވަނީ ބަލި ފެތުރެން މެދުވެރިވީ ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ހުސްވެފައި ހުރުމުން ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން އާސަންދައިގެ ދަށުން ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ހިދުމަތްތަކަށް ބުރޫއަރާ މައްސަލައާއި، ޑުބާއީ އަދި ބެންކޮކަށް ބޭސްފަރުވާއަށް ފޮނުވި މީހުންގެ އަދަދާ ގުޅޭގޮތުން ވެސް މެންބަރު ސުވާލު ކުރެއްވިއެވެ.

މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ސުވާލުތަކާ ގުޅޭ މައުލޫމާތު މިވަގުތު އަތުގައި ނެތް ކަމަށެވެ. "އިއްޒަތްތެރި މެންބަރު ވަރަށް ގިނަ ސުވާލުތަކެއް ތިޔަ ކުރެއްވީ، ދެން މިއަދު އަޅުގަނޑު މިކޮޅަށް މިއައީ ހަމަ ވަކި ސުވާލުތަކަކަށް ތިޔަ ބޭފުޅުންނަށް ޖަވާބު އެރުވުމަށްޓަކައި، އެހެންކަމުން، ވަރަށް ބޮޑަށް ޝުކުރިއްޔާ އިއްޒަތްތެރި ރައީސް،" މިނިސްޓަރު ވިދާޅުވިއެވެ.

މެންބަރު ވަނީ އައިޖީއެމްއެޗްގެ ހިތުގެ ބަލީގެ ޑިޕާޓްމަންޓުގެ އެގްރީމެންޓް ބާތިލްކުރި މައްސަލައާއި އަލަށް އުފެއްދި ސްޓޭޓް ފާމާ ކުންފުންޏަށް ހަރަދުކުރި ފައިސާގެ ތަފްސީލަށް ވެސް އެދިވަޑައިގެންފައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، ފާއިތުވި ދެތިން މި ބަލި ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މިހާތަނަށް 122 މީހަކަށް ހިމަބިހި ޖެހިފައިވާއިރު، އޭގެ ތެރެއިން 100 އަށް ވުރެ ގިނަ ކޭސް ފެނިފައިވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0