ހދ. ބޯޑުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭން އަންގައިފި
ހދ. އަތޮޅުގެ ތަރައްގީއަށްޓަކައި އެ އަތޮޅުގެ ރަށު ކައުންސިލުތަކުން ގުޅިގެން އުފައްދަން ނިންމާފައިވާ އަތޮޅު ބޯޑުގެ މަސައްކަތްތައް ހުއްޓާލުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
މި އެންގުން އަންގާފައިވަނީ އެލްޖީއޭއިން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ފޮނުއްވި ސިޓީއެއްގައެވެ.
މި ބޯޑު އުފެއްދުމަށް ނިންމާފައިވަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުންނާއި ކުޅުދުއްފުށީ މޭޔަރު ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ. ނަމަވެސް އެލްޖީއޭއިން ބުނީ އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރުމުގެ ގާނޫނީ ޒިންމާ މިހާރު އޮތީ އެ އޮތޯރިޓީއަށް ކަމަށެވެ.
އެލްޖީއޭގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށި ކައުންސިލާއި އަތޮޅުގެ ހުރިހާ ރަށްތަކުގެ ކައުންސިލްތައް ގުޅިގެން ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް އުފެއްދުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މަހުފޫމާ ފުށުއަރާ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
"ވީމާ ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް އެކުލެވިގެން އެކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ ކަންކަން ކުރިއަށް ނުގެންގޮސް، މިފަދަ ބޯޑެއް އެކުލަވާލުމަށް ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް ނިންމާފައިވާ ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ދަންނަވަމެވެ،" އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.
މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، އަތޮޅުގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރާނެ އޮނިގަނޑެއްގެ ގޮތުން މި ބޯޑު އުފެއްދުމަށް ހުށަހެޅުއްވީ ކުޅުދުއްފުށީ މޭޔަރު އާތިފެވެ. މި ހުށަހެޅުމަށް އެ އަތޮޅުގެ 10 ރަށެއްގެ ކައުންސިލް ރައީސުން ވަނީ ތާއީދުކޮށްފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ އިތުރުން ކުމުންދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ކުރިނބީ، ނައިވާދޫ އަދި ނެއްލައިދޫ ހިމެނެއެވެ.
މި ބޯޑުގެ މަގްސަދުތަކާއި މަސައްކަތް ކުރާނެ އުސޫލުތައް މި މަހުގެ 15 ގެ ކުރިން އެކުލަވާލުމަށް ކައުންސިލްތަކުން ކުރިން ނިންމާފައި އޮތް ނަމަވެސް، އެލްޖީއޭގެ މި އެންގުމާއެކު މި މަސައްކަތް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.






ރިއެކްޓް