ދެވަނަ ޓާމު ފެށޭއިރުވެސް ހުރިހާ ސްކޫލެއް އޭސީ ނުކުރެވޭނެ: މިނިސްޓަރު
މަސައްކަތް ލަސްވާން ދިމާވި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ސްކޫލްތަކުގެ ކަރަންޓު ވިއުގަ ބާވެފައިވުމެވެ. "އަޅުގަނޑު ހިތުން ރާއްޖޭގެ ބައެއް ސްކޫލްތަކަކީ 45 އަހަރު 35 އަހަރު ވެފަ ހުރި ސްކޫލްތައް. ސިންގަލް ފޭސް ކަރަންޓް މިހުރީ،" މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ އޭސީތައް ހިންގޭ ފަދަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން ބޭނުން ވަރަށް އަވަހަށް ނިންމަން، އެކަމަކު ހުންނަ ގޮންޖެހުންތައް ހުންނާނެ، އެ ގޮންޖެހުންތަކާ އެކުގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަކީ ހަމަ ދެވަނަ ޓާމު ފެށެންވާއިރަށް ގިނަ ސްކޫލްތަކުގައި މި މަސައްކަތް ނިންމާލުން،" ކަމަށެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށެވެ.
"ކޫލް ސްކޫލް" މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ލިބުނު ހުށަހެޅުންތަކަކަށް ބިނާކޮށް ފެށި މަޝްރޫއެކެވެ. މި މަޝްރޫއު އެންމެ ފުރަތަމަ ފެނަކައާ ހަވާލުކުރީ 55 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފަހުން މި މަޝްރޫއު އެސްޓާސްއާ ހަވާލުކޮށްފައިވަނީ 58.4 މިލިއަން ރުފިޔާއަށެވެ.






ރިއެކްޓް