އިންވެސްޓު ސްކީމެއްގެ ނަމުގައި ބީއެމްއެލްއިން ޑޮލަރުގެ ބްލެކް މާކެޓަށް!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަދު ވަގުތުކޮޅެއް ތެރޭ ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ބޭންކަށް ޑޮލަރު މާރުކުރަން ހުޅުވާލި ސްކީމަކީ ސީދާ ޑޮލަރުގެ ކަޅު ބާޒާރަށް ވަދެ ބޮޑު އަގުގައި ޑޮލަރުގަތުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ބޭންކަށް އަމާޒުވެއްޖެ އެވެ.
ބީއެމްއެލް އަށް މާރުކުރާ ޑޮލަރު އިތުރުކުރުމަށް "އިންވެސްޓްމަންޓްސް" ގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކުރީ މިއަދު ހެދުނު އެވެ.
ބީއެމްއެލްގެ މީޑިއާ ޕާޓްނަރުންނާ އެކު ހޮޓެލް ޖެންގައި ބޭއްވި "ޗެޓު ވިތު ސީއީއޯ" އިވެންޓުގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ ބޭންކުގެ ސީއޯއޯ މުހައްމަދު ޝަރީފެވެ. ޝަރީފް ވިދާޅުވި ގޮތުގައި، މި ހިދުމަތުގެ މައިގަނޑު ބޭނުމަކީ ބޭންކަށް ދިމާވެފައިވާ ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކުރުމާއި، ވަކިން ހާއްސަކޮށް ބޭންކުން ކުރާ ކާޑުގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ހޯދުމެވެ.
ބީއެމްއެލްގެ މި އިންވެސްޓްމަންޓު ހިދުމަތް ރޭވިފައި އޮތް ގޮތުން، އިންވެސްޓުކުރާ މީހަކު ޑޮލަރު ދިނުމުން އެމްއެމްއޭގެ ރަސްމީ ރޭޓު ކަމުގައިވާ 15.42ރ. ގެ މަގުން ވަގުތުން އެ މީހެއްގެ އެކައުންޓަށް ދިވެހި ރުފިޔާ ޖަމާވާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު އިންވެސްޓަރުގެ އެކައުންޓަށް ފައިދާގެ ގޮތުގައި 25 ޕަސެންޓު ރުފިޔާއިން ޖަމާކޮށްދޭނެއެވެ.
މި ހިސާބުން ބަލާއިރު، ބޭންކުން ޑޮލަރަކަށް ޖުމްލަ 19.30ރ. ޖެހެއެވެ. މިއީ މިހާރު ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ހުރި ރޭޓާއި ދާދި އެއް އަދަދެކެވެ. ޝަރީފު ވިދާޅުވީ "މީގެ ސަބަބުން ބޭންކަށް ކާޑުގެ މުއާމަލާތްތައް ހުއްޓުމަަކަށް ނުގެނެސް އަދި ބަޖެޓު ނުކޮށް އިތުރަށް މި މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ވަސީލަތަކަށް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ކަމަށެވެ.
މި ސްކީމަކީ 24 ގަޑިއިރު ތެރޭ ރިޓާން ލިބޭ، އާންމު އިންވެސްޓްމަންޓް ޕްލޭންތަކާ އާދަޔާ ހިލާފަށް ތަފާތު އަދި އަވަސް ނިޒާމެކެވެ. މިކަމާ ގުޅިގެން މާލީ ދާއިރާގެ މާހިރުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ މިއީ "އިންވެސްޓްމަންޓް" އެއްގެ ނަމުގައި ގައުމީ ބޭންކުން ސީދާ ޑޮލަރުގެ ބްލެކް މާކެޓަށް ވަދެ، ކަޅު ބާޒާރުގެ ރޭޓުން ޑޮލަރު ގަތުން ކަމުގައި ސިފަކުރަމުންނެވެ.
ބޭންކުން ރަސްމީ ރޭޓަށް ވުރެ އެތައް ގުނައެއް މަތިން ޑޮލަރު ގަންނަން ފެށުމުން، މާކެޓުގައި ޑޮލަރުގެ އަގު އިތުރަށް އުފުލި، ތަކެތީގެ އަގު ބޮޑުވުމަށް މަގުފަހިވެދާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް ޝަރީފު ވިދާޅުވީ މިއީ ބޭންކަށާއި އިންވެސްޓަރުންގެ އިތުރުން އާންމުންނަށް ވެސް ފައިދާވާނެ ހިދުމަތެއް ކަމަށެވެ.






ރިއެކްޓް