ވިޔަފާރި , ޚަބަރު

ގައްދޫއިން ފަތުރުވެރިކަމަށް ދެ ބިމެއް ދޫކުރަނީ

28 މާރިޗު 2026 - 18:18
ގައްދޫއިން ފަތުރުވެރިކަމަށް ދެ ބިމެއް ދޫކުރަނީ
ގައްދޫ، ފޮޓޯ: ސޯޝަލް މީޑިއާ
ގދ. ގައްދޫއިން ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ދިނުމަށް 12,500 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއް ކުއްޔަށް ދޫކުރުމަށް ގައްދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ. 

މިގޮތުން ދެ ސަރަޙައްދަކުން ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ.

ފުރަތަމަ ބިމަކީ ގައްދޫ "ތުނޑުކުނާ" ގެ ހުޅަނގަށް، ވަތަބަނޑޭރި މަގާއި ރިވެޓްމެންޓާ ދެމެދު އޮތް ހުސްބިމުން 7,192 އަކަފޫޓުގެ ބިމެކެވެ. ދެވަނަ ބިމަކީ "ސީމް ކޯނަރ" ގެ ހުޅަނގަށް، ވަތަބަނޑޭރި މަގާއި ރިވެޓްމެންޓާ ދެމެދު އޮތް ހުސްބިމުން 5,359 އަކަފޫޓުގެ ބިމެކެވެ. މި ދެ ބިންވެސް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ ދިގު މުއްދަތަށެވެ.

މި ބިންތަކުގައި ފަތުރުވެރިކަމާ ގުޅުންހުރި އެކި ކަންކަން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހު ގދ. ގައްދޫ ކައުންސިލް އިދާރާގައެވެ.

އެގޮތުން 5,359 އަކަފޫޓުގެ ބިމަށް އަގު ހުށަހެޅުން އޮންނާނީ އެދުވަހުގެ ހެނދުނު 10:30 ގައެވެ. އަދި 7,192 އަކަފޫޓުގެ ބިމަށް އަގު ހުށަހެޅުން އޮންނާނީ އެދުވަހުގެ ހެނދުނު 11:00 ގައެވެ. ކައުންސިލުގެ އިއުލާނުގައި ވާ ގޮތުގައި މި ސުންގަޑިތަކުގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0