ވިޔަފާރި , ދުނިޔެ , ޚަބަރު

ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށްވުރެ މައްޗަށް

30 އޭޕްރީލް 2026 - 09:18
ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށްވުރެ މައްޗަށް
ފޮޓޯ: ބީބީސީ

އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން އެމެރިކާއިން ހިންގަމުންދާ "ބްލޮކޭޑް" އިތުރު މުއްދަތަކަށް ދަންމާލުމަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

މި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު ބުދަ ދުވަހު ވަނީ 120 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ އިގްތިސާދަށް ބާރުބޮޑުކުރުމުގެ ގޮތުން އެ ގައުމުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން އިތުރު ކުރުމަށް ތައްޔާރުވުމަށް އޮފިޝަލުންނަށް އަންގަވާފައެވެ. މި ހަބަރާއެކު ބްރެންޓް ކުރޫޑްގެ އަގު ވަނީ 122 ޑޮލަރަށް ޖެހިލާފައެވެ. މިއީ 2022 ވަނަ އަހަރަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި ހަމަަނުޖެހުންތަކުގެ ސަބަބުން އެމެރިކާގެ ކަސްޓަމަރުންނަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، ޝެވްރޮންގެ ޗީފް އެގްޒެކެޓިވް މައިކް ވޯތު ހިމެނޭހެން ހަކަތަ އުފައްދާ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން އަންގާރަ ދުވަހު ވައިޓް ހައުސްގައި ރައީސް ޓްރަމްޕާ ބައްދަލުކުރައްވާފައިވާ ކަމަށް ބީބީސީއަށް ވަނީ އެނގިފައެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި އެތެރޭގެ ހަކަތަ އުފެއްދުމާއި، ވެނެޒުއޭލާގެ ހާލަތާއި، ތެލުގެ މުސްތަގުބަލާއި، ގުދުރަތީ ގޭސް އަދި މުދާ އުފުލުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ތެލުގެ ވިޔަފާރިކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ބައްދަލުވުމަކީ ސްޓްރެއިޓް އޮފް ހޯމްޒް ބަންދުކޮށްފައި އޮންނަ އޮތުން ދިގުލައިގެންދާނެ ކަމުގެ ނިޝާނެކެވެ.

އެމެރިކާގެ ބްލޮކޭޑާ ގުޅިގެން އީރާނުން ބުނެފައިވަނީ، އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ހޮރުމޫޒުން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއެޅުން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0