ވިޔަފާރި , ޚަބަރު

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް 7.7 ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެ: މަޓާޓޯ އާއި ގޭމް

10 މޭ 2026 - 16:54
ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް 7.7 ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެ: މަޓާޓޯ އާއި ގޭމް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސަސް އެސޯސިއޭޝަން (ގޭމް) އިން ހާމަކޮށްފިއެވެ. މި ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ދެ ޖަމްއިއްޔާ އިން ވަނީ ގޮވާލާފައެވެ.

މަޓާޓޯ އާއި ގޭމް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރުގެ އެރައިވަލް ޓްރެންޑުތަކާއި، ބުކިން ޕެޓާންސް އަދި ކެންސަލޭޝަންތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ. މި ހީނަރުކަމުގެ ސަބަބުން ވަޒީފާގެ ބާޒާރާއި، ބޭރު ފައިސާގެ އާމްދަނީގެ އިތުރުން މުޅި ގައުމުގެ އިގްތިސޯދަށް ސީރިއަސް ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ޖަމްއިއްޔާތަކުން ފާހަގަކުރެއެވެ.

މި ހާލަތުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަމުންދަނީ ގެސްޓްހައުސްތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް ބަޔާނުގައިވެއެވެ. ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިކަމުގެ ސަބަބުން ބައެއް ގެސްޓްހައުސްތަކާއި އެޖެންސީތައް ބަންދުކުރަންޖެހޭ ހާލަތަކަށް ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާޗް، އޭޕްރީލް އަދި މި ހިނގާ މެއި މަހު ވެސް ފަތުރުވެރިން އަންނަ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ވިޔަފާރިތައް ސަލާމަތްކުރުމަށްޓަކައި ކްރައިސިސް ސަޕޯޓު ނިޒާމެއް ތައާރަފުކުރުމަށް މަޓާޓޯ އާއި ގޭމުން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ. މީގެ ތެރޭގައި އިންޓްރެސްޓް ނުހިމެނޭ މޮރަޓޯރިއަމްތައް ދިނުމާއި، ލޯނުތައް ރީސްޓްރަކްޗާ ކުރުމާއި، އަދި ޓެކުހާއި ފީތައް ދެއްކުމުގައި ލުއިތައް ދިނުން ހިމެނެއެވެ. މީގެ އިތުރުން އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށްޓަކައި އެއާޕޯޓުން ވިއްކާ ތެލުގެ އަގު ކޮންޓްރޯލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ ކުރިން ދުނިޔެއަށް ކުރިމަތިވި އެކި ކާރިސާތަކުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ސާބިތުކަމާ އެކު ދެމިއޮތްކަން ފާހަގަކުރަމުން، މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް ބޭނުންވާ ކަމަށް އެ ބަޔާނުގައިވެއެވެ. "މިހާރު ކުރިމަތިވެފައިވާ ހާލަތުން ވިޔަފާރިތައް ސަލާމަތްކޮށް ވަޒީފާތައް ރައްކާތެރިކުރުމާ އެކު ފަތުރުވެރިކަމަށް އޮތް އިތުބާރު ދެމެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން ކޮންމެހެން މުހިއްމު،" ކަމަށް އެ ދެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 5.4 އިންސައްތަ ދަށްވެފައެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ނުވަ ދުވަހާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 13 އިންސައްތަ ދަށްވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0