ވިޔަފާރި , ޚަބަރު

ލާމުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ނިންމައިފި

ބަންކަރިންގ ޚިދުމަތަށް އިންވެސްޓްކުރަން ފުރުސަތު ހުޅުވާލީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމްގައި

ޖުލައި 1, 2025 - 10:45
 0
ލާމުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ނިންމައިފި
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ލ. އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމައި، އެ މަޝްރޫޢުގައި އިންވެސްޓްކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމްގައެވެ.

އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ބަންކަރިންގެ ޚިދުމަތާއި، ބަނދަރާ ގުޅޭ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، ސްޓޯރޭޖް ފެސިލިޓީ އަދި ސަޕޯޓް އިންފްރާސްޓްރަކްޗަރ ގާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރަށް ބަންކަރިންގެ ޚިދުމަތް ލިބިގެންދާނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެންމެ އުތުރުގައި ވެސް ބަންކަރިންގެ ޚިދުމަތް ފަށައިފައެވެ. އިހަވަންދިއްޕޮޅުގައި މި ޚިދުމަތް ފެށުމަށް އެސްޓީއޯއިން 15-20 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، މެއި މަހުގެ މެދާ ހިސާބަށް 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން 124 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ސަރުކާރުގެ ވިސްނުމަކީ އުތުރުގައި ދެމުންދާ ޚިދުމަތާއި ލ. އަތޮޅުގައި އަލަށް ފަށަން ނިންމާފައިވާ ބަންކަރިންގެ މަޝްރޫޢު ތަރައްގީކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް އެ ސަރަހައްދުތަކުން ފޯރުކޮށްދިނުމެވެ. އެހެންނަމަވެސް، ލ. އަތޮޅުގެ މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވާ ރަށެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އުތުރުގެ ބަންކަރިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި ބިން ހިއްކައިގެން ތެޔޮ ޓާމިނަލަކާއި ކޮންޓެއިނާ ޓާމިނަލެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ލ. އަތޮޅުގެ މަޝްރޫޢާ ބެހޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0