ވިޔަފާރި , ޚަބަރު

ފަތުރުވެރިކަމުން ނަގާ ޓީޖީއެސްޓީ 17 އިންސައްތައަށް ބޮޑުކޮށްފި

މިއީ މީގެ ކުރިން 16 އިންސައްތައިގައި ހުރި ޓެކްސް ރޭޓް އެއް އިންސައްތަ އިތުރުކޮށް ގެނެވުނު ބަދަލެކެވެ.

ޖުލައި 2, 2025 - 08:00
 0
ފަތުރުވެރިކަމުން ނަގާ ޓީޖީއެސްޓީ 17 އިންސައްތައަށް ބޮޑުކޮށްފި
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ -- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އަންނަ ޓީޖީއެސްޓީ އިއްޔެއިން ފެށިގެން 17 އިންސައްތައަށް ބޮޑުކޮށްފިއެވެ.

މިއީ މީގެ ކުރިން 16 އިންސައްތައިގައި ހުރި ޓެކްސް ރޭޓް އެއް އިންސައްތަ އިތުރުކޮށް ގެނެވުނު ބަދަލެކެވެ.

މި ބަދަލު ގެނައުމަށްޓަކައި ހުށަހެޅުނު ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ 5 ނޮވެމްބަރު 2024 ގައެވެ. އަދި މި ބިލަށް އަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހުން ފެށިގެންކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

މީރާއިން ބުނި ގޮތުގައި މި ހިނގާދިޔަ މުއްދަތުގެ ތެރޭގައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުތަކަށް އައު ރޭޓުތައް ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ހަރުދަނާކުރުމަށްޓަކައި ޓެކްސް ބޭސް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ ރައްޔިތުންގެ އަތުން އިތުރު ޓެކުހެއް ނުނަގާނެ ކަމަށާއި، ރައްޔިތުންނަށް ދަތިވާފަދަ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މި ގޮތުން ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ގްރީން ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖު ބޮޑުކުރުމަށް ނިންމާފައެވެ. އަދި ހަމައެއާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ނިސްބަތުން ވަކި އަދަދެއް ނެގުމަށާއި، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެ އަދަދަށް ބޭންކަށް ބޭރުފައިސާ މާރުކުރުމަށް ލާޒިމުކޮށްފައިވެއެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި މި ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން މިހާރު ވަނީ ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭންކިންގ ސިސްޓަމަށް ވަންނަން ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0