އައި.ޓީ.ބީ ބާލިން 2027 ގެ ހޮސްޓަކަށް ދިވެހިރާއްޖެ
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ފަތުރުވެރިކަމުގެ މައުރަޒުތަކުގެ ތެރޭގައި ހިމެނޭ އައި.ޓީ.ބީ ބާލިން 2027 ގެ ރަސްމީ ހޮސްޓް ކަންޓްރީއަކަށް ދިވެހިރާއްޖެ ހަމަޖައްސައި ފިއެވެ.
މިކަން އިއުލާން ކޮށްފައިވަނީ ބާލިންގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ މައުރަޒުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އިބްރާހިމް ޝިއުރީ ވަނީ 2027 ވަނަ އަހަރުގެ މައުރަޒުގެ ހޮސްޓް ކަންޓްރީގެ ދައުރު އަދާކުރުމާ ގުޅޭ އެއްބަސްވުމުގައި މެސޭ ބާލިންގެ ސީއީއޯ ޑރ. މާރިއޯ ޓޯބިއަސްއާއިއެކު ސޮއިކުރައްވާފަ އެވެ.
މި ފުރުސަތުގެ ސަބަބުން، މައުރަޒުގައި ބައިވެރިވާ ބައިނަލްއަގުވާމީ އެތައް ހާސް ފަތުރުވެރިކަމުގެ ކުންފުނިތަކަށާއި، އެއާލައިންތަކަށާއި، ޓުއާ އޮޕަރޭޓަރުންނަށާއި މީޑިއާތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން ހޮސްޓް ކަންޓްރީގެ ހައިސިއްޔަތުން، މުޅި މައުރަޒުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހާއްސަ ފުރުސަތުތަކެއްވެސް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ރިސޯޓުތަކާއި، ކަނޑުއަޑީގެ ރީތިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތްތައް ދުނިޔެއަށް ދައްކާލުން ހިމެނެ އެވެ.
މި މައުރަޒުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަރުގަދަވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.






ރިއެކްޓް