އެޗްޑީސީން ހުޅުމާލޭގައި ސްޕީޑް ބޯޓް އަދި ސަފާރީ މެރީނާއެއް ގާއިމު ކުރަނީ
އެޗްޑީސީން ހުޅުމާލޭގައި ސްޕީޑް ބޯޓް އަދި ސަފާރީ މެރީނާއެއް ގާއިމު ކުރަނީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގައި ސަފާރީ މެރީނާއަކާއި ސްޕީޑް ބޯޓު މެރީނާއެއް ގާއިމް ކުރުމަށް ނިންމައިފިއެވެ.
މި މަޝްރޫއަކީ ހުޅުމާލޭގައި އިތުރުވަމުންދާ އުޅަނދުފަހަރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.
އެޗްޑީސީގެ ވެބްސައިޓް އަދި ހުޅުމާލޭގެ މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނާފް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ކޮންމެ 10 މީހަކަށް ސްޕީޑް ބޯޓެއް ގެންގުޅޭ މިންވަރަށް އުޅަނދުފަހަރުގެ އަދަދު އިތުރުވެފައިވެއެވެ.
"އަޅުގަނޑުމެން މިގެންނަނީ ސަފާރީ މެރީނާ އާއި ސްޕީޑްބޯޓު މެރީނާއެއް. މީގެތެރެއިން ހަމަޖެހިގެންދާނެ ކަމަށް މިބަލަނީ 316 ޑިންގީ ނުވަތަ ސްޕީޑްބޯޓަށް ޖާގަ ލިބިގެންދާއިރު، 75 ސަފާރީ ފަޅުތެރޭގައި އަޅާފައި ބޭއްވޭ ގޮތަކަށް އެތަން ފަރުމާކުރެވިގެންދާނީ،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.
މުދާ އަރުވައި ބޭލުމުގެ ދަތިކަމަށް ހައްލު
މި މަޝްރޫއުގެ ތެރެއިން ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގައި ދިމާވެފައިވާ ދަތިތަކަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މިގޮތުން އައު މެރީނާއާއެކު ޓީ ޖެޓީއެއް ގާއިމުކުރެވި، މުދާ އަރުވައި ބޭލުމުގެ މަސައްކަތް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި އެންމެ ބޮޑު ޑިމާންޑެއް އޮތް ގުދަނާއި ވޯކްޝޮޕްތަކަށް އިތުރު ޖާގަތަކެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. މި މަޝްރޫއުގެ ސަބަބުން އާ ވަޒީފާގެ ފުރުޞަތުތައް އުފެދި، ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން އުންމީދުކުރެއެވެ.
ރިއެކްޓް



