ޚަބަރު

މުސާރަ ހޯދައިދޭން ސަފީރުން އައްޔަނުކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ނޫން: ފިއްޓެ

7 ޖުލައި 2026 - 14:18
މުސާރަ ހޯދައިދޭން ސަފީރުން އައްޔަނުކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ނޫން: ފިއްޓެ

ބޭރު ގައުމުތަކަށް ސަފީރުންނާއި ނޮން-ރެސިޑެންޓް ސަފީރުން އައްޔަނުކުރުމަކީ ހަމައެކަނި ބަޔަކަށް މުސާރަ ހޯދައިދިނުމަށް ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހުގެ ވާޖިބެއް ނޫން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މަޖިލީހުން އެންމެ ގިނައިން ކުރި އެއް މަސައްކަތަކީ ސަފީރުން ކަނޑައެޅުން ކަމަށެވެ. ނަމަވެސް، ދައުލަތުން ބޮޑު ހޭދައެއްކޮށްގެން އައްޔަނުކުރާ މި ސަފީރުންގެ ފަރާތުން ގައުމަށް ލިބޭ ފައިދާއަކީ ކޮބައިތޯ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި މަޖިލީހުގައި އެންމެ ގިނައިން ކުރެވޭ މަސައްކަތަކީ، ސަފީރުން ކަނޑައެޅުމާއި ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުން. ދައުލަތުން އަޅުގަނޑުމެން ނުވެސް ދަންނަ ގައުމުތަކަށް ވެސް އެބަ ސަފީރުން ކަނޑައަޅާ. މީގެން ލިބެނީ ކޯއްޗެއްތޯ ދިވެހި ރައްޔިތުންނަށް؟" ޒިޔާދު ސުވާލު ކުރެއްވިއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، ގިނަ ފަހަރަށް ސަފީރުކަމުގެ މަގާމުތަކަށް އައްޔަނުކުރަނީ ވަޒީރުކަމުންނާއި އެހެނިހެން ބޮޑެތި މަގާމުތަކުން ސަރުކާރުން "އެހެލާ" ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނަށް ބޮޑު މުސާރަ ދީގެން ބޭރުގައި ތިއްބަވާއިރު، ގައުމަށް ބޭނުންވާ ބޭސްކޮޅު ފަދަ އަސާސީ ތަކެތި ހޯދުމުގައި ވެސް އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ސަފީރުންގެ ގާބިލުކަން ނެތުމަށްވުރެ ބޮޑަށް، ސަރުކާރަށް ބޭރު ގައުމުތަކުގެ އިތުބާރު ނެތުމުން ދިމާވާ މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް އެމްބަސީތަކަށް ހޭދަވާކަން ފާހަގަކުރައްވައި، ޒިޔާދު ވިދާޅުވީ މަޖިލީހަކީ ސަރުކާރުގެ މުއައްސަސާއެއް ނޫން ކަމަށާއި، އެއީ ސަރުކާރު ފާރަވެރިވާން އޮތް ތަނެއް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ކުރާ މިފަދަ ކަންކަމުން ގައުމަށް ލިބޭ މަންފާއާއި ފައިދާ ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތަށް އަލިއަޅުވާލައްވަމުން ޑޮލަރުގެ ރޭޓު މަތިވަމުންދާ މައްސަލައާއި، ކުނީގެ މައްސަލަ ފަދަ އިޖުތިމާއީ ކަންކަމަށް އެދެވޭ ހައްލެއް ނުލިބޭތީ ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރުން އަބަދުވެސް މަސައްކަތްތައް "ފެށެނީ" ކަމަށް ބުނި ނަމަވެސް އަމަލީ ގޮތުން އެ ނަތީޖާ ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0