ޚަބަރު

ހޯލްސޭލް ކުރާއިރު 'ކޮތަޅު ފީ' ނުނަގާ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

7 ޖުލައި 2026 - 10:43
ހޯލްސޭލް ކުރާއިރު 'ކޮތަޅު ފީ' ނުނަގާ ގޮތަށް ގާނޫނު އިސްލާހު ކުރަނީ
ހޯލްސޭލް ކުރާއިރު 50 ކޮތަޅަށްވުރެ އިތުރަށް ހުންނަ ޕްލާސްޓިކް ކޮތަޅު ބޮނޑިން ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވައިފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ގާނޫނުން ކަނޑައަޅައި، ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުން ކަމަށް ބިލު ހުށަހަޅަމުން މެންބަރު ވިދާޅުވިއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކުރާ އުސޫލުތައް މުރާޖާކޮށް، ގާނޫނު ތަންފީޒުކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުން މި އިސްލާހުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމެވެ. މި ބަދަލާއެކު، ކޮތަޅު ހޯލްސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ނަގާކަށް ނުޖެހޭނެއެވެ.

މި އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް ބަދަލުތަކެއް އަންނާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ މިހާތަނަށް 2,011,421 ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން، ރާއްޖެއަށް ކުނި އެތެރެކުރުމާ ގުޅޭގޮތުން މިހާރު ގާނޫނު އޮތްގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއްގެ ދަށުން ކުނި އެތެރެކުރެވެއެވެ. ނަމަވެސް އާ އިސްލާހުގެ ދަށުން އެއްވެސް ގޮތަކަށް ރާއްޖެ އަށް ކުނި އެތެރެ ނުކުރެވޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0