ޚަބަރު , ސިޔާސީ

ގަވާއިދާ ޚިލާފަށް ކުނި އުކާލުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

7 ޖުލައި 2026 - 15:56
ގަވާއިދާ ޚިލާފަށް ކުނި އުކާލުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 ޖުލައި 6 ވަނަ ދުވަހުގެ ހެނދުނު 08:45 އެހައިކަންހާއިރުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހިފަހައްޓާފައިވަނީ އެމްޑީ މޮނިރް (39އ) އާއި އެމްޑީ ހަބީބު އުލާހް (43އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕަކާ އެކުގައެވެ.

މި ދެ މީހުންގެ ވިސާގެ ތަފްސީލަށް ބަލާއިރު، އެމްޑީ މޮނިރަކީ "ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް" ގެ ދަށުން މޭސަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސާ އޮތް މީހެކެވެ. އަދި އެމްޑީ ހަބީބު އުލާހަކީ "އޭޔޫ ފެހުން" ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސާ އޮތް މީހެކެވެ. ނަމަވެސް މި ދެ މީހުން އުޅެމުންދިޔައީ އެ މީހުންނަށް ދޫކޮށްފައިވާ ހުއްދައާ ޚިލާފަށް އަމިއްލައަށް ކުނި އުކާލުމުގެ މަސައްކަތުގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުންނަކީ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބައެކެވެ.

އިމިގްރޭޝަން ގާނޫނުގެ ދަށުން މި ދެ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ފުލުހުން މިހާރު ވަނީ އެ މީހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0