އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ހާޒިރުނުވާނަމަ ހަރުކަށި ފިޔަވަޅު އަޅަން އަންގައިފިން : މިނިސްޓަރު ޝަފީއު
އެއްވެސް މަގުބޫލު އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ހާޒިރުނުވާނަމަ ހަރުކަށި ފިޔަވަޅު އެޅުމަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ ފެންވަރެއްގައި ހިފެހެއްޓުމަށްޓަކައި ގަވާއިދުން ސްކޫލަށް ހާޒިރުވުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދުވަސްވަރު ދުވާލަކު ގާތްގަނޑަކަށް 8,000 ދަރިވަރުން ސްކޫލަށް ހާޒިރުނުވެއެވެ. މީގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުންނެވެ.
ސްކޫލަށް ހާޒިރުނުވެ ފިލާވަޅުތައް ގެއްލުމަކީ ދަރިވަރުންގެ ނަތީޖާއަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ފާހަގަކުރައްވައި، މިއީ ގައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
"ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން. ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އަސަރު ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަރިވަރުންގެ ހާޒިރީ ބެލުމުގެ ނިޒާމު އެންމެ ފުރަތަމަ ހަރުދަނާކުރީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި، ނަމަވެސް އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުގައި އެކަން އޮތީ ދޫކޮށްލާފައި ކަމަށެވެ. މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހާޒިރީ މިނިސްޓްރީއަށް ފޮނުވަން މިހާރު ވާނީ މަޖުބޫރުކޮށްފައެވެ.
މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ ދެ ހަފުތާގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ސީދާ ބައްދަލުކޮށް، ހާޒިރުނުވާ ކުދިންނާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. ދަރިވަރަކު ސްކޫލަށް ނުގޮސް ހުންނަ ހުރުން އެއީ ދޫކޮށްލާނެ ކަމެއް ނޫން ކަމުގެ ޔަގީންކަންވެސް މިނިސްޓަރު މިއަދު ވަނީ ދެއްވާފައެވެ.






ރިއެކްޓް