ޚަބަރު

ލުއިތައް ގިނަވެ %25 ސިވިލްސާވިސް މުވައްޒަފުންގެ ބޭނުމެއް ނުހިފޭ: ނިޒާރު

6 ޖުލައި 2026 - 15:17
ލުއިތައް ގިނަވެ %25 ސިވިލްސާވިސް މުވައްޒަފުންގެ ބޭނުމެއް ނުހިފޭ: ނިޒާރު

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދެވޭ ލުއިތައް ގިނަވެ، އެ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތަ މުވައްޒަފުންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ ސިވިލް ސާވިސްގެ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި ރައްޔިތުންނަށް ފެންވަރު ރަނގަޅު އަވަސް ހިދުމަތެއް ދިނުމަށްޓަކައި މުވައްޒަފުންގެ މަސައްކަތް ކުރުމުގެ ގަވާއިދާއި އުސޫލުތައް ހަރުދަނާކޮށް ހިފެހެއްޓުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) މިފަހަކަށް އައިސް ގެންނަމުންދާ އިސްލާހުތަކާ މެދު ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ސިވިލްސާވިސް ކަމިޝަންއިން ސިވިލްސާވަންޓުންގެ މަސައްކަތުގެ ގަވާއިދައް މިފަހުގެ ތާރީހްތަކުގައި ގެންނަމުން ގެންދަވާ އިސްލާހްތަކަކީ މުޅި ނިޒާމް އެއްކޮށް ހަރާބު ވަމުންދާ އިސްލާހުތަކެއްކަން ފާހަގަ ކުރެވޭ،" ނިޒާރު ވިދާޅުވިއެވެ.

މިގޮތުން އެންމެ ފަހުން ގެންނަން ނިންމި އިސްލާހަށް ބަލާއިރު، ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ދެން ފެށޭނީ ހެނދުނު 8:30 ގައި ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުވައްޒަފުންނަށް ދެވޭ ޗުއްޓީއާއި އެހެނިހެން ލުއިތައް ގިނަވެ، އޭގެ ހަމަ ގެއްލިފައިވުމުގެ ސަބަބުން ސިވިލް ސާވިސްގެ ޖުމްލަ 25 އިންސައްތައާ ގާތްކުރާ އަދަދަކަށް މުވައްޒަފުންގެ ބޭނުން ނުހިފޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިންތިޒާމީ ފުރިހަމަ އުސޫލުތަކެއް ހަމައެކަނި ހިފެހެއްޓިފައި އޮތް ސިވިލް ސާވިސް މިފަދަ ގޮތަކަށް ހަލާކުވެ ދިއުމަކީ ހިތާމަކުރަންޖެހޭނެ ހާލަތެއް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0