ޚަބަރު

ކާރުތަކެއްގައި ސައިކަލަކުން ޖެހުމުން މަޑުނުކޮށް ފިލި މީހަކު ހޯދަނީ

4 ޖުލައި 2026 - 14:23
ކާރުތަކެއްގައި ސައިކަލަކުން ޖެހުމުން މަޑުނުކޮށް ފިލި މީހަކު ހޯދަނީ

ހުޅުމާލެ ފޭސް 2 ގެ ބެރެބެދިމާ ހިނގުމުން އެއް ވަނަ ގޯޅީގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވުމުން، ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ފިލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ވަގުތު ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ މީހާ އެކްސިޑެންޓުވުމުން ސީންގައި މަޑުކުރި ކަމަށެވެ. މި އެކްސިޑެންޓުގައި އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓުގެ ސަބަބުން ޕާކުކޮށްފައި އޮތް ކާރަކަށާއި އެކްސިޑެންޓުވި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މައްސަލައިގެ ތަހުގީގަށް ބޭނުންވާތީ، އެކްސިޑެންޓުވި ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެކްސިޑެންޓާ ގުޅިގެން ސައިކަލުގެ ފަހަތުގައި އިން މީހާއާ ސުވާލުކޮށްފައިވާ ކަމަށާއި، އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މަގުމަތީ އެކްސިޑެންޓުތަކަކީ މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑެތި ރަށްރަށުގައި އާންމުވެ، ބޮޑުވެފައިވާ މައްސަލައެކެވެ. މިފަދަ ހާދިސާތަކުގައި ޒުވާނުން މަރުވާ އަދަދު އިތުރުވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 1500 އަށް ވުރެ ގިނަ އެކްސިޑެންޓު ވަނީ ހިނގައިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0