ޚަބަރު

ދައުލަތަށް ނުލިބި ހުރި ދެ ބިލިޔަން ރުފިޔާ ހޯދައިފިން : މީރާ

1 ޖުލައި 2026 - 12:07
ދައުލަތަށް ނުލިބި ހުރި ދެ ބިލިޔަން ރުފިޔާ ހޯދައިފިން : މީރާ

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 2 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ނުލިބި ހުރި ފައިސާ ހޯދުމަށް އެކި މަރުހަލާތަކަށް ބަހާލައިގެން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ފައިސާ ހޯދާފައިވާ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެންނެވެ. އެއީ 1.2 ބިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން ޑިއުސް ކްލިއަރަންސް މަރުހަލާގެ ތެރެއިން 617 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލް ކޮށްގެން 151 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން 13.5 މިލިޔަން ރުފިޔާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން 13.1 މިލިޔަން ރުފިޔާ ދައުލަތަށް ވަނީ ހޯދާފައެވެ.

މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ 10,701 ފަރާތަކަށާއި، ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5,776 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، މީރާއިން ވަނީ ފައިސާ ބަހާލައިގެން ދެއްކޭނެ އިންތިޒާމުތަކެއްވެސް ހަމަޖައްސައިދީފައެވެ. އެގޮތުން ޖުމްލަ 256 މިލިޔަން ރުފިޔާގެ ޓެކްސް ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 176 ފަރާތަކަށް ވަނީ ހަމަޖައްސައިދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0