ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރަނީ
ބޭރު ފައިސާގެ ބޭނުންތަކަށް އާންމުންނާއި ވިޔަފާރިވެރިން ބަރޯސާވާން ޖެހިފައިވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް އުފުލި، ޑޮލަރެއްގެ އަގު 21 ރުފިޔާއާ ގާތަށް ޖެހިލައިފި އެވެ.
މާލީ ތަޖުރިބާކާރުންނާއި ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިހާރު އަގުތައް ހުރި ގޮތުން މި މަސް ތެރޭގައި ނުވަތަ އަންނަ މަހުގެ ކުރީކޮޅު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑެވެ.
ފާއިތުވި ދެ ދުވަހު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20.70ރ. އާއި 20.85ރ. އާ ދެމެދުގަ އެވެ. ޖޫން މަހު ފަހުކޮޅު 20.50ރ. ގައި ހުރި އަގު މިހާ ބޮޑަށް އުފުލިގެން ދިޔައީ، ދުވަސްތަކެއް ވަންދެން 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓިފައި ހުރުމަށް ފަހު ޑޮލަރު ލިބުން އިތުރަށް ތާށި ވުމުންނެވެ.
ރަސްމީ ރޭޓަށް ވުރެ ކަޅު ބާޒާރުގެ އަގު އަބަދުވެސް ބޮޑު ނަމަވެސް، މިހާރު މި ފެންނަ ބޮޑު ބަދަލު އައީ މި ސަރުކާރުން ބޭރު ފައިސާގެ ގަވާއިދާއި ގާނޫނަށް ގެނައި ބަދަލުތަކާ އެކުގަ އެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ މި ބަދަލުތަކާ އެކު ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށެވެ. ނަމަވެސް ސިޔާސަތު އިއުލާންކުރި ފަހުން ދޮޅު އަހަރު ވީއިރު ވެސް ޑޮލަރުގެ އަގު ތިރިވެފައެއް ނުވެ އެވެ.
ޑޮލަރުގެ ތާށިކަން ބޮޑުވުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ އީކޮމާސް ސައިޓުތަކުން ބޮޑު ފީއެއް ނަގަން ފަށައި، ރުފިޔާ ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭނެ ދުވަހުގެ ލިމިޓަކާއި ސައިޓުތަކަށްވެސް ވަކިލިމިޓެއް ކަނޑައަޅާފަ އެވެ. މީގެ އިތުރުން "ދިވެހީންގެ" ބޭންކަށް ޑޮލަރު ހޯދުމަށް "އިންވެސްޓްމަންޓްސް" ގެ ނަމުގައި ރުފިޔާއިން ބޮޑު ފައިދާ ލިބޭ ސްކީމެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި މި އިންވެސްޓްމަންޓްތަކުން ލިބޭ ޑޮލަރު ބޭނުންކުރަނީ އީކޮމާސް ސައިޓުތަކަށް ފައިސާ ދެއްކުމަށެވެ. މި ހިދުމަތުގެ ދަށުން ޑޮލަރަށް ޖެހޭ އަގު 19.30ރ. އަށް އަރާއިރު، މިއީ އިންވެސްޓަރުންނަށް ލިބޭ ފައިދާ ހިމަނައިގެން ޖެހޭ އަދަދެވެ.
މި ދެންނެވުނު ހުރިހާ ކަމަކާ އެކު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓި 21 ރުފިޔާއާ ދިމާލަށް މިހާރު ދަނީ ބާރަށް މިސްރާބު ޖަހަމުންނެވެ.






ރިއެކްޓް