ޚަބަރު

ޕައިލެޓުންގެ އިހުތިޖާޖު: މުސާރައިން އުނިކުރި ބަޔާއި ކުރީގެ މުސާރަ ދޭން މަންތާއިން ނިންމައިފި

4 ޖުލައި 2026 - 09:08
ޕައިލެޓުންގެ އިހުތިޖާޖު: މުސާރައިން އުނިކުރި ބަޔާއި ކުރީގެ މުސާރަ ދޭން މަންތާއިން ނިންމައިފި
މަންތާގެ ފްލައިޓެއް، ފޮޓޯ: މަންތާ
މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް (މަންޓާ އެއާ) ގެ މުވައްޒަފުންގެ މުސާރަ އުނިކުރި މައްސަލައިގައި، މާދަމާ ވަޒީފާއަށް ނުނުކުމެ އިހުތިޖާޖު ކުރުމަށް މުވައްޒަފުން ނިންމާފައިވަނިކޮށް، އެކުންފުނިން މުވައްޒަފުންގެ މުސާރަ އިޔާދަކޮށް، ކުޑަކުރި މަސްތަކުގެ މުސާރަ ވެސް ދޭން ނިންމައިފިއެވެ.

މިމަހުގެ 1 ވަނަ ދުވަހު "އެކު" މޯލްޑިވްސް އީ-ޕެޓިޝަން މެދުވެރިކޮށް  މުވައްޒަފުން އާންމު ކުރި ނޯޓިސްއެއްގައިވާ ގޮތުގައި  މާދަމާ ހެނދުނު 6:00 ކުރިން މުވައްޒަފުންގެ ޑިމާންޑުތަކަށް ހައްލެއް ނުލިބިއްޖެނަމަ ހެދުނުން ފެށިގެން މުވައްޒަފުން ތިބޭނީ މަސައްކަތްތައް ހުއްޓާލައި، ހަޅުތާލު ކުރުމަށް ކަމަށެވެ.

އެ ކުންފުނީގެ މުވައްޒަފުން ކޮށްފައިވާ ޑިމާންޑުތަކުގެ ތެރޭގައި ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިން އޮތް ގޮތަށް ޑޮލަރުން ދޭން ފެށުމާއި، މެއި އަދި ޖޫން މަހު މުސާރައިން އުނިކުރި ބައި އަނބުރާ ދިނުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ ސިއްހީ އިންޝުއަރެންސްގެ ނިޒާމު ރަނގަޅު ކުރުމާއި، މުސާރައިގެ ކުރިއެރުމާއި އިނާޔަތްތައް އަލުން އިއާދަކުރުމަށް ވެސް ވަނީ އެދިފައެވެ.

އަދި ހަޅުތާލުގައި ބައިވެރިވާ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު ނާޅާނެކަން ލިޔުމުން ޔަގީންކަން ދިނުމަކީ ވެސް މުވައްޒަފުންގެ މުހިންމު ޝަރުތެކެވެ.

"އޭވިއޭޓާސް މޯލްޑިވްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން މުސާރަ ކުޑަކުރުމުގެ ކުރިން އޮތް މިންވަރަށް އަނބުރާ ގެންދިއުމަށް އެ ކުންފުނިން މިހާރު ވަނީ އެއްބަސްވެފައެވެ. އަދި މޭއި މަހުން ފެށިގެން މުސާރައިން ކަނޑާލި ބައިވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެސް ކުރިއަށް އޮތް ތަނުގައި މުސާރައަށް ބަދަލެއް ގެންނަނަމަ، ކުރިއާލާ އެކަން އަންގައި، ދެ ފަރާތުން މަޝްވަރާކޮށް، އެއްބަސްވެވޭ ގޮތަކަށް އެކަން ކުރުމަށް ވެސް މަންޓާ އެއާއިން ވަނީ އެއްބަސްވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0