ޚަބަރު , ވިޔަފާރި

ބީއެމްއެލްގެ އިތުރު ސްކޭމެއް: ޕީއޯއެސް ލޯނުން ފަސޭހަ ކުރީ ބޭންކަށް، ވިޔަފާރިވެރިންނަކަށް ނޫން

5 ޖުލައި 2026 - 16:00
ބީއެމްއެލްގެ އިތުރު ސްކޭމެއް: ޕީއޯއެސް ލޯނުން ފަސޭހަ ކުރީ ބޭންކަށް، ވިޔަފާރިވެރިންނަކަށް ނޫން

"ދިވެހިންގެ ބޭންކު" ނަމުން މަޝްހޫރުވާން ބޭނުންވާ ބީއެމްއެލްއިން އަނެއްކާވެސް އިތުރު ސްކޭމެއް ތަޢާރަފުކޮށް، އެ ބޭންކަކީ ރައްޔިތުންނަށް އެއްވެސް އިހުލާސްތެރިކަމެއް ނެތް ބޭންކެއް ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބާރުދީފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕީއޯއެސް (ޕޮއިންޓް އޮފް ސޭލް) މެޝިން ބޭނުންކުރާ ވިޔަފާރިވެރިންނަށް ދޫކުރާ ލޯނުގެ ޚިދުމަތް "ފަސޭހަކުރުމުގެ" ނަމުގައި ގެނައި ބަދަލުތަކުގައި، ލޯނު ހަމަޖެހުން 5 ދުވަހަށް އަވަސްކުރި ނަމަވެސް، ލޯނުގެ މުއްދަތު 5 އަހަރުން 2 އަހަރަށް ކުރުކޮށް، ކޮންމެ ދުވަހަކު އިންސްޓޯލްމަންޓް ދައްކަންޖެހޭ ގޮތަށް ހަމަޖެއްސުމުން، ހަޤީޤަތުގައި ފަސޭހަވީ ބޭންކަށް ކަމަށާއި ވިޔަފާރިވެރިންނަށް ޖެހުނީ އިތުރު ތަކުލީފެއް ކަމުގެ ޝަކުވާ ވިޔަފާރިވެރިންގެ ތެރޭގައި މިހާރު ވަނީ ބޮޑުވެފައެވެ.

"ފަސޭހަ" އޮތީ ކޮން ކޮޅެއްގައި؟

ބީއެމްއެލް އިން މި ބަދަލު އިޢުލާނުކުރީ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ނަމުގައެވެ. ކުރިން ލޯނު ހަމަޖެހެން އެއް މަސް ދުވަސް ނެގި ނަމަވެސް، މިހާރު 5 ދުވަހުން ލޯނު ހަމަޖެހެއެވެ. ބޭރުފުށުން ބަލާއިރު މިއީ ރަނގަޅު ބަދަލެކެވެ. ނަމަވެސް މި "ފަސޭހައިގެ" ފަހަތުގައި ފޮރުވިފައިވާ ޝަރުޠުތައް ކިޔައިލީމައި ފެންނަނީ ވިޔަފާރިތަކަށް ބިރުވެރި މަންޒަރެކެވެ.

ކުރިން 5 އަހަރު ދުވަހުގެ ތެރޭގައި މަހުން މަހަށް ދައްކައި ޚަލާޞްކުރެވޭ ލޯނު، މިހާރު 2 އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު ދައްކައި ނިންމަންޖެހެއެވެ. 2 މިލިއަން ރުފިޔާގެ ލޯނެއް ނަމަ ދުވާލަކު ގާތްގަނޑަކަށް 3,000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މި ފައިސާއަކީ ވިޔަފާރިވެރިޔާ އަމިއްލައަށް ބޭންކަށް ޖަމާކުރުުގެ ބަދަލުގައި ބޭންކުން ވިޔަފާރިވެރިޔާގެ ޕީއޯއެސް އެކައުންޓުން ކަނޑާ ފައިސާއަކަށް ވަނީ ބަދަލުކޮށްފައެވެ. ހަފުތާ ބަންދާއި، ވިޔަފާރި ދަށް ދުވަސްތައް ވެސް އެއީ ޢުޒުރެއް ނޫނެވެ. އަދި މިފަދަ ދުވަހެއްގައި ވިޔަފާރި ބަންދުކުރި ނަމަވެސް އެދުވަހެއްގައި ލޯނަށް ދައްކަންޖެހޭ ފައިސާ، ޕީއޯއެސް އެކައުންޓުން ކަނޑާނެއެވެ.

ވިޔަފާރިތަކުގެ ކޭޝް ފްލޯ ހަލާކުވާ ގޮތް

ކުދި ވިޔަފާރިތައް އެދެވޭ ގޮތެއްގައި ހިންގޭނީ އެ ވިޔަފާރިއެއްގެ ކޭޝް ފްލޯ ހަމައަކަށް އެޅިގެންނެވެ. ކޮންމެ ދުވަހަކު ލޯނު ޕޭމަންޓް ދައްކަން ޖެހުމުން ވިޔަފާރީގެ ދުވެއްޔަށް ސީދާ ނޭދެވޭ އަސަރު ކުރެއެވެ. ސްޓޮކް ގަންނާނެ ފައިސާ ނެތިދެއެވެ. މުވައްޒަފުންނަށް މުސާރަ ދިނުމަށް ދަތިވެއެވެ. ވިޔަފާރީގެ ކުއްލި ޚަރަދުތައް ހަމަޖެއްސާނެ ޖާގައެއް ނޯވެއެވެ.

ލޯނު ލިބުން އަވަސްވީމާ ގިނަ ވިޔަފާރިވެރިން މި ލޯނު ނަގާނެއެވެ. އެއީ ބޭންކުން ވެސް ބޭނުންވާ ގޮތެވެ. ގިނަ ބަޔަކު ލޯނު ނެގީމައި ބޭންކަށް އިންޓްރެސްޓްގެ ގޮތުގައި ލިބޭ ފައިސާ އިތުރުވެއެވެ. %12 އިންސައްތައިގައި އިންޓްރެސްޓްރޭޓް ހިފަހައްޓާފައި، އިންޓްރެސްޓް އިތުރުނުވާގޮތަށް "އިސްލާމިކް" ކޮށް ބާއްވާފައި އޮތަސް މިއީ ބޭންކަށް ވަރަށް ބޮޑު މާލީ ފައިދާއެކެވެ. ކޮންމެ ދުވަހަކު އިންސްޓޯލްމަންޓް ޕޭމަންޓް ނެގީމާ ބޭންކުގެ ރިސްކު ކުޑަވެ، ފައިދާ ބޮޑުވެއެވެ. ވީމާ "ފަސޭހަ" ކުރީ ކޮން ފަރާތަކަށްކަން ވަރަށް ސާފެވެ.

ވިޔަފާރިވެރިން އެދެނީ ކޮން ބަދަލެއް؟

ބީއެމްއެލުން ޕީއޯއެސް ލޯނަށް ގެނައި ބަދަލުތަކާއި ގުޅޭ ގޮތުން 12 ވަރަކަށް ވިޔަފާރިވެރިންނާއި ވާހަކަދައްކާލައި ޚިޔާލު ހޯދާލީމެވެ. ވިޔަފާރިވެރިން ބުނަނީ ލޯނު ލިބުން އަވަސްކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ލޯނު ދެއްކުމުގެ ޝަރުޠުތައް ވިޔަފާރިއާ ނުގުޅޭ ކަމަށެވެ. އެ ފަރާތްތަކުން ހުށަހަޅާ ޙައްލުތަކަކީ:

  • ލޯނުގެ މުއްދަތު މަދުވެގެން 5 އަހަރަށް ދިގުކުރުން
  • ކޮންމެ ދުވަހަކު ޕޭމަންޓް ދެއްކުމުގެ ބަދަލުގައި މަހުން މަހަށް ދައްކާ ގޮތަށް ބަދަލުކުރުން
  • މި ބަދަލުތައް ގެނައުމުން އިންޓްރެސްޓް ރޭޓް 15 އިންސައްތައަށް ބޮޑުކުރިޔަސް އެންމެ ރަނގަޅު ކަމަށް ބައެއް ވިޔަފާރިވެރިން ފާހަގަކުރި.

މިއީ ވިޔަފާރިވެރިން ދޫދޭން ތައްޔާރަށް ތިބި މިންވަރު ހާމަކޮށްދޭ ކަމެކެވެ. އެ ފަރާތްތަކަށް މުހިންމީ ކޭޝް ފްލޯ ރައްކާތެރިކުރެވޭ ނިޒާމެކެވެ.

ޤައުމީ ބޭންކުގެ ޒިންމާ

ބީއެމްއެލް އަކީ ހަމައެކަނި ވިޔަފާރި ބޭންކެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ ޤައުމީ ބޭންކެވެ. މާބޮޑު ވާދަވެރި ބޭންކިންގ ޚިދުމަތެއް ނެތް މި ޤައުމުގައި، ބީއެމްއެލްގެ ކޮންމެ ނިންމުމެއް ސީދާ ގޮސް ނިމެނީ ކުދި ވިޔަފާރިވެރިންނާއި ޢާއްމުންގެ ދިރިއުޅުމުގައެވެ. "ފަސޭހަކުރުމުގެ" ނަމުގައި ގެންނަ ކޮންމެ ބަދަލެއް ހަޤީޤަތުގައި ވެސް ކަސްޓަމަރުންނަށް ފައިދާ ކުރާ ބަދަލަކަށް ވާންޖެހެއެވެ. އެ ބަދަލެއް ރައްޔިތުންނަށް "ސްކޭމެއް" ގޮތަށް ސިފަވާ ނަމަ، އެއީ ބޭންކުން ސީރިއަސްކޮށް ވިސްނައި، މުރާޖަޢާ ކުރަންޖެހޭ ނިޒާމެކެވެ. ބޭރުފައިސާ މާރުކުރުމަށް "އިންވެސްޓްމަންޓް އޮފާ" ގެ ނަމުގައި ބޭންކުން ފަށާފައިވާ ސްކޭމްފަދަ ސްކޭމްތައް ޖެއްސުން ބޭންކުން ހުއްޓާލަން ޖެހެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1