ޚަބަރު

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ޕޮޒިޓިވްވި މީހުންގެ އަދަދު 72 އަށް އަރައިފި

5 ޖުލައި 2026 - 17:06
ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ޕޮޒިޓިވްވި މީހުންގެ އަދަދު 72 އަށް އަރައިފި

ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހި (މީސްލްސް) އަލުން ފެތުރެން ފަށާފައިވާއިރު، މި ބައްޔަށް މިއަހަރު ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 72 އަށް އަރާފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ފެނުނު 72 ކޭސްގެ ތެރެއިން 15 އަހަރުން ދަށުގެ ހަތަރު ކުޑަކުދިން ފިޔަވައި ދެން ހިމެނެނީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. ޑރ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި މި ބަލި އެންމެ ގިނައިން ފެތުރެމުންދަނީ ވެކްސިންގެ ދެ ޑޯޒް ހަމަނުކުރާ މީހުންގެ މެދުގައެވެ. އެހެންކަމުން 15 އަހަރާއި 35 އަހަރާ ދެމެދުގެ އެންމެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާއާ ހަމައަށް 66 ކޭސް ފެނިފައިވެއެވެ. އޭގެ ތެރެއިން 44 ކޭސްއަކީ އެއް ހަފްތާގެ ތެރޭގައި ފެނިފައިވާ ކޭސްތަކެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ ބަލި ފެތުރުން ހަލުވިވެފައިވާ ކަމުގެ ނިޝާނެކެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ އާންމުންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށް އެޗްޕީއޭއިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ. "ބައްޔަށް ޝައްކުކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު" ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

ހިމަބިހީގެ ކޭސްއެއް ފެނިއްޖެނަމަ، އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލިޖެހުނު މީހާއާ ދިމާވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރުވެސް ދަނީ ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0