ވައުދުވި ނޫސްވެރިންގެ ބައްދަލުވުން މި ހަފްތާއަކުވެސް ނެތް
މާލޭގައި ހުންނަވާ ނަމަ، ކޮންމެ ހަފުތާއަކު ބާއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުން މި ހަފްތާގައި ވެސް އެއްވެސް ސަބަބެއް ހާމަ ނުކޮށް ނުބާއްވައެވެ.
މީގެ އިތުރުން ކޮންމެ ހަފުތާއަކު ބުރާސްފަތި ދުވަހު ބާއްވަން ސަރުކާރުން ބުނި ތަރުޖަމާނުގެ ނޫސްވެރިންގެ ބައްދަލުވުމެއްވެސް މިދިޔަ ހަފްތާގައި ބާއްވާފައެއް ނުވެއެވެ.
މި އަހަރުގެ މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ 5، ގައެވެ. އެމަނިކުފާނު އެ ދުވަހު ވިދާޅުވީ، "މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" ކަމަށެވެ.
ރައީސް މުއިއްޒު އެފަދައިން ޔަގީންކަން ދެއްވި ނަމަވެސް، މި ހަފުތާގައި ވެސް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވައިފައެއް ނުވެއެވެ. އެންމެފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވީ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޖޫން 29 ގައި ބޭއްވި ބައްދަލުވުމަކީ ވެސް ތިން ހަފުތާގެ މެދުކެނޑުމަކަށްފަހު ބޭއްވި ބައްދަލުވުމެކެވެ. ނަމަވެސް އެ ބައްދަލުވުމުގައި ވެސް ގިނަ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ ވަނީ ނިންމާލާފައެވެ.
އެފަހަރު ތިން ހަފުތާގެ އިތުރުން މި ހަފުތާގައި ވެސް ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާއިރު، އެކަމުގެ އެއްވެސް ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.






ރިއެކްޓް