ހޯރަފުށީ ފަރުމައްޗަށް 30 ފޫޓުގެ ބޮޑު މަހެއް ލައްގައިފި
ހއ. ހޯރަފުށީ ހުޅަނގުފަރާތު ފަރުމައްޗަށް މަރުވެފައި އޮތް ބޮޑު މަހެއް ލައްގައިފިއެވެ. މި ބޮޑުމަސް ލައްގާފައިވަނީ އެ ރަށުގެ ފަރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހޯރަފުށި ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބޮޑުމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް 30 ފޫޓު ހުއްޓެވެ. ފަރުމައްޗަށް ލެއްގިއިރުވެސް އެ މަސް އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މި ބޮޑުމަސް އެ ސަރަހައްދުން ނެގުމަށްފަހު މިހާރު ވަނީ އަތިރިމަތީގައި ވަޅުލާފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށި ކައުންސިލާއި، ހޯރަފުށީ ޕޮލިސް، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމް.ޓީ.ސީ.ސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކުގައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދޭތެރެއަކުން މިގޮތަށް މަރުވެފައި ހުންނަ ބޮޑުމަސް ލައްގައެވެ. މިފަދަ ހާލަތްތަކުގައި ބައެއް ފަހަރު އެ ތަކެތި ކަނޑަށް ބޭރުކުރާއިރު، އަނެއްބައި ފަހަރު ސިއްހީ ރައްކާތެރިކަމަށް ބަލައި އެއްގަމުގައި ވަޅުލަނީއެވެ






ރިއެކްޓް