ފުންފަޅު ގޭގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ފަރުވާ ދީފި
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަދި ފުލުހުންނަށް ލިބިފައިވަނީ ރޭ 10:49 ހާއިރު އެވެ. އަދި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ރޭ މެންދަމު 12 ޖަހާ އެހާކަންހާއިރުއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، އޭޑީކޭ ހޮސްޕިޓަލަށް ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކު ވަނީ ގެންގޮސްފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އައިޖީއެމްއެޗުން ޖުމްލަ 25 މީހަކަށް އަދި އޭޑީކޭއިން 3 މީހަކަށް ވަނީ ފަރުވާ ދީފައެވެ.
މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ދަނީ ކުރަމުންނެވެ. ފުލުހުން ވިދާޅުވީ "މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުން" ކަމަށެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި އަލިފާން ރޯވި ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިދީފައެވެ.
މި ހާދިސާގައި ޖުމްލަ 58 އަށް ވުރެ ގިނަ މީހުންނަށް އެންޑީއެމްއޭގެ އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިމާރާތަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.






ރިއެކްޓް