ޚަބަރު , ސިޔާސީ

އީޔޫ އާއި ބެލްޖިއަމްއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ދިޔާނާގެ ނަން ފޮނުވައިފި

7 ޖުލައި 2026 - 17:12
އީޔޫ އާއި ބެލްޖިއަމްއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ދިޔާނާގެ ނަން ފޮނުވައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަމަނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މިއަދު ފޮނުއްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިޔާނާ ސައީދު ސަފީރުކަމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ވަނީ އިއްވާފައެވެ. ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ދިޔާނާގެ ނަންފުޅު ހުށަހަޅުއްވާ ކަމަށެވެ.

މި ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. ކޮމިޓީ މަރުހަލާގައި ދިޔާނާގެ ނަންފުޅު ދިރާސާކޮށް ނިމުމުން، އެކަމަނާއަށް ރުހުން ދިނުމާ މެދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނެއެވެ.

ދިޔާނާ ސައީދަކީ ރާއްޖޭގެ ސިޔާސީ އަދި ބައިނަލްއަގުވާމީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ދިޔާނާ ވަނީ މީގެ ކުރިން ރާއްޖޭގެ އެޓާނީ ޖެނެރަލްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދިޔާނާ ސައީދަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާވެސް މެއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި މިނިސްޓަރ އޮފް ޖެންޑާގެ މަގާމުވެސް ދިޔާނާ ވަނީ ފުރުއްވާފައެވެ. އީޔޫ އާއި ބެލްޖިއަމްގެ ސަފީރުގެ މަގާމަށް ދިޔާނާގެ ނަންފުޅު މި ހުށަހެޅުއްވީ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0