ޚަބަރު

އަދާލަތު ޕާޓީ އާއި އެމްއެންޕީން މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު ހުށަނާޅާ: އިލެކްޝަންސް

6 ޖުލައި 2026 - 16:55
އަދާލަތު ޕާޓީ އާއި އެމްއެންޕީން މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު ހުށަނާޅާ: އިލެކްޝަންސް

ނިމިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، އެ ރިޕޯޓު ހުށަނާޅަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ދެ ޕާޓީ ފިޔަވައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން ވަނީ އޮޑިޓު ރިޕޯޓު ހުށަހަޅާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ އޮޑިޓު ރިޕޯޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީއެންސީންނެވެ.

އިދިކޮޅު އެމްޑީޕީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 8.4 މިލިއަން ރުފިޔާއަކީ އިލެކްޝަންސް ކޮމިޝަނުން ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ދޫކުރި ފައިސާއެވެ. މީގެ އިތުރުން އާންމު ފަރުދުންގެ އެހީގެ ގޮތުގައި އެއް މިލިއަން ރުފިޔާ އަދި ކުންފުނިތަކުން އެހީގެ ގޮތުގައި 57,095 ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.

އެމްޑީޕީން މިދިޔަ އަހަރު ޖުމުލަ 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރައަށް 3.1 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ތަންތަނުގެ ކުއްޔަށް 1.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ވެރިކަން ކުރާ ޕީއެންސީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 14.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 13.3 މިލިއަން ރުފިޔާއަކީ އިލެކްޝަންސް ކޮމިޝަނުން ލިބުނު ފައިސާއެވެ. އަދި އަމިއްލަ ފަރާތްތަކުން އެހީގެ ގޮތުގައި 842,000 ރުފިޔާ އެ ޕާޓީއަށް ލިބިފައިވެއެވެ.

ޕީއެންސީން މިދިޔަ އަހަރު 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 8.8 މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ އިދާރީ ކަންކަމަށެވެ. އެ ޕާޓީން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ކުއްޔަށެވެ. އެއީ 3.1 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައަށް 2.3 މިލިއަން ރުފިޔާ އަދި ޕާޓީ ޕްރޮމޯޓު ކުރުމަށް 376,062 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ޕާޓީގެ އޮޑިޓު ރިޕޯޓުން ދައްކައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0