ނޯތު ހާބަރުގެ ޒޯން އޭއަށް ފެނާއި ކަރަންޓުގެ ހިދުމަތް ދޭންވެސް މި ސަރުކާރަށް ހަތަރު މަސް
މާލޭ ނޯތު ހާބަރުގެ ޒޯން އޭ ސަރަހައްދަށް ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބި ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވުމަށްފަހު، އެންމެ ފަހުން އެ ހިދުމަތް އިއްޔެ ދޭން ފަށައިފިއެވެ. ނޯތު ހާބަރާ ދިމާލުން ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހު ހުޅުވި ނަމަވެސް، އެތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ވަނީ ބޮޑު ތަނުން ލަސްވެފައެވެ.
އެ ސަރަހައްދުގައި ފެނާއި ކަރަންޓުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މާޗު މަހު ފެށި ނަމަވެސް، ހިދުމަތް ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުން އޮޑިދޯނިފަހަރަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޒޯން އޭގައި ފެނާއި ކަރަންޓު މީޓަރުތައް ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ހިދުމަތް ނުދީ ހިފަހައްޓާފައި އޮތުމަށްފަހު އެމްޕީއެލްއިން މި މަސައްކަތް ނިންމާލީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
މި މައްސަލަ ބޮޑުވެ، 'ދައުރު' ނޫހުން މި ހަފްތާގައި ވަނީ ނޯތު ހާބަރުގައި ހުރި އިހުމާލުތަކާ ގުޅޭގޮތުން ސިލްސިލާ ރިޕޯޓުތަކެއް ޝާއިއުކޮށްފައެވެ. އެ ރިޕޯޓުތަކާ ގުޅިގެން، އެމްޕީއެލްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ އިއްޔެ މަޖިލީހުގެ ރައީސަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.
އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީގު އެ ސަރަހައްދަށް ވަޑައިގެން ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވިއިރު، އެ ކުންފުނިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ މީގެ ކުރިން އެ ސަރަހައްދުގައި ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބޭ ކަމަށް އިއުތިރާފުވެފައެވެ. "މި މަސައްކަތް ނިންމައި، މި ސަރަހައްދުން ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރުގެ ހިދުމަތް ހޯދާ އޮޑިދޯނިފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް،" އެމްޕީއެލްއިން ބުނެފައިވެއެވެ.
މަގު ހުޅުވިތާ ހަތަރު މަސް ފަހުން މި ހިދުމަތް ދޭން ފެށި ނަމަވެސް، މިއީ މާލޭގެ މައި ބަނދަރެއްގައި މިފަދަ އަސާސީ ހިދުމަތެއް ގާއިމްކުރުމަށް ނެގި އާދަޔާ ހިލާފު ދިގު މުއްދަތެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
0
ލޯބި
0
މަޖާ
0





