ޒައިނާ ޕީސީބީއަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަންކުރެއްވި ޒައިނާ އަބްދުﷲއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ޒައިނާ އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވަނީ ޒައިނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ނަމަވެސް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ.
ޒައިނާގެ ނަން ދިރާސާކުރި މަޖިލީހުގެ ސްޓޭޓް އޯންޑް އެޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަނީ އޭނާއަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައި، 80 އިންސައްތަ މާކްސް ދީފައެވެ. ކޮމިޓީގެ ރިޕޯޓުގައިވަނީ ޒައިނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ލަފާދީފައެވެ.
ޒައިނާ ވަނީ އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރު ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސިފް) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ.
ޕީސީބީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޒައިނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައެވެ.






ރިއެކްޓް