ޚަބަރު , ސިޔާސީ

އިންޑިއާއާ އެކު އެފްޓީއޭގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފި

8 ޖުލައި 2026 - 20:38
އިންޑިއާއާ އެކު އެފްޓީއޭގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފި
ފޮޓޯ : އިކޮނޮމިކް މިނިސްޓްރީ

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމާ ގުޅޭ ރަސްމީ މަޝްވަރާތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ގައުމުގެ އިސްވެރިންނާއެކު ފަށްޓަވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ކޮމާސް މިނިސްޓަރު ޝްރީ ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް މިނިސްޓަރު ސައީދު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ސައީދާއި އިންޑިއާގެ ކޮމާސް މިނިސްޓަރު ވަނީ އެގްރީމެންޓާ ގުޅޭ ރަސްމީ މަޝްވަރާތަކުގައި ދެ ގައުމަށް ވެސް އެންމެ ފައިދާވާނެ ގޮތްތަކެއް ހިމެނުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. މި އެފްޓީއޭގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އާ ފުރުސަތުތައް ފަހިވެ، ވިޔަފާރި ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތަކީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ފާހަގަކުރައްވާފައިވާ މުހިންމު ކަމެކެވެ. އެ ދަތުރުފުޅުގައި ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ދެމެދުގައި އެފްޓީއޭއެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުންދާކަން ހާމަކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެ ގައުމުގެ ވިޔަފާރީގެ އިންވެސްޓްމެންޓްގެ އަގު މިހާރު ވެސް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރައެވެ. އަދި ކުރިއަށް އޮތް ތަނުގައި އާ ދާއިރާތަކުން ވިޔަފާރީގެ މުއާމަލާތްތައް ފެށުމަށް ދެ ގައުމުން ވެސް ވަނީ ޕްލޭން ކޮށްފައެވެ.

އިންޑިއާއާއެކު ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ފަށާފައިވާ މަސައްކަތެކެވެ. މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ އެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އަމަލީ ސިފަ ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0